ހުވަދުއަތޮޅު އުތުރުބުރީ ދާންދޫގައި ފެނަކައިން އަޅަން ހަމަޖެހިފައިވާ އެކުންފުނީގެ އައު އޮފީހުގެ ބިންގާ މިއަދު އަޅައިފިއެވެ.

އެކަމަށްޓަކައި މިއަދު ހެނދުނު ބޭއްވި ރަސްމިޔާތުގައި އެއިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ފެނަކަ ކޯޕަރޭޝަން ގެ މޭނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދާއި، ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު ޢަބްދުﷲއެވެ. މިއީ ޒަމާނީ ވަސީލަތްތަކާއެކު އިމާރާތް ކުރެވޭ އޮފީހެކެވެ. ފެނަކައިގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި އިމާރާތުގައި މީޓީން ރޫމަކާއި ލޮބީއޭރިއާއަކާއި ޓެރަސްއެއް ހިމެނެއެވެ. އޭއީ ގާތްގަނޑަކަށް 20 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގައިގެ އޮފީހެކެވެ.

ފެނަކައިން ގެންދަވަނީ ރަށްރަށުގައިހުރި ކުރީގެ ބައު އިންޖީނުގެތަކާއި އޮފީސްތައް އައުކޮށް ރިލޮކޭޓު ކުރުމުގެ މުހިންމު މަޝްރޫއެއް ހިންގަމުންނެވެ.

އައު އޮފީހުގެ ބިންގައު އަޅުއްވައި ދެއްވުމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ، އަޙްމަދު ސަޢީދު މުޙައްމަދު ދާންދުއަށް ކުރައްވަމުން ގެންދަވާ ދަތުގައިވަނީ އެ ރަށު ކައުންސިލާ ބައްދަލު ކުރައްވައިފައެވެ. ދާންދޫގައި އަލަށް އާބާދުވަމުންދާ ސަރަހައްދުގައި ކަރަންޓާއި ނަރުދަމާ ގާއިމު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނޭކަމުގެ ޔަގީންކަން މި ބައްދަލުވުމުގައި ސަޢީދު ވަނީ ދެއްވައިފައެވެ.

އޭގެ އިތުރަށް އެރަށުގެ ކައުންސިލް އިދާރާއާއި މިސްކިތްތަކާއި މަގުބައްތިތައް ސޯލާ ކުރުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަަށް ފެނަކައިން ފުރިހަމަ އެއްބާރުލުން ދެއްވާނޭ ކަމުގެ ޔަގީންކަން ވެސް އެމްޑީވަނީ ދެއްވައިފައެވެ.