ޓުއަރ ގައިޑެއްކަމަށް ބުނެ ފަތުރުވިޔަކަށް ހިދުމަތް ދީ އެ ފަތުރުވެރިޔާގެ ދަބަހުން ފައިސާތަކެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ހޯދަމުން ދިޔަ މީހާ ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދިޔައީ ބަނގްލަދޭޝް ރައްޔިތެއްކަށްވާ ތަންވީރު އިސްލާމް (28އ) އެވެ.

ފުލުހުން މިއަދު ބުނީ ތަންވީރު އިސްލާމް ހައްޔަރުކޮށްފައިވަނީ އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު މި އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު މާލެއިން ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގެ އިތުރުން ތަންވީރު އިސްލާމްއަށް ތުހުމަތުކުރޭ އިތުރު ތިން މައްސަލައެއްވެސް ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.