ތޭވިސް އަހަރުން ދަށުގެ އޭޝިޔަން ކަޕް ކޮލިފިކޭޝަނުގައި މިރޭ ބަހްރައިނާ ވާދަކުރި މެޗުން 3-0 އިން ރާއްޖެ ބަލިވުމުން، މުބާރާތަށް ކޮލިފައި ވުމުގެ ދޮރު ރާއްޖެއަށް ބަންދުވެއްޖެއެވެ.
ބަހްރެއިންގައި ކުޅުނު މިމެޗުގައި އެގައުމުން ފުރަތަމަ ދެލަނޑު ޖެހީ ފުރަތަމަ ހާފުގައެވެ. ތިންވަނަ ލަނޑަކީ ދެވަނަ ހާފުގައި ރާއްޖެއިން ރަނގަޅަށް ކުޅެމުން ދަނިކޮށް އެގައުމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރި ލަނޑެކެވެ.
ކޮލިފިކޭޝަނުގެ މެޗުތައް 8 ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު ރާއްޖެ ހިމެނުނީ ގްރޫޕް ސީ ގައެވެ. ރާއްޖެ އާއި ބަހްރައިންގެ އިތުރުން ދެން މި ގްރޫޕުގައި ހިމެނުނީ އިރާގާއި އަފްގާނިސްތާނެއެވެ. އެކަމަކު އަފްގާނިސްތާން ކޮލިފިކޭޝަންގައި ބައިވެރި ނުވުމުން މިގްރޫޕުގައި ކޮންމެ ގައުމަކަށް ކުޅެން ލިބުނީ ދެމެޗެ. ފުރަތަމަ މެޗުގައި ރާއްޖެ ބަލިވީ އިރާގާ ވާދަކޮށް 4-0 އިންނެވެ.
އަންނަ އަހަރު ޖޫން މަހު އުޒްބެކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތަށް ކޮލިފައިވާނީ ކޮންމެ ގްރޫޕަކުންވެސް އެންމެ އެންމެ ކުރި ހޯދާ ދެގައުމެވެ.
ރާއްޖެ ހިމެނޭ ސާކް ސަރަހައްދަށް ބަލާއިރު މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު މިހާރު އޮތީ އިންޑިޔާއަށް އެކަންޏެވެ. މަރުގެ ގްރޫޕް ގޮތުގައި ބެލެވިފައި އޮތް ގްރޫޕް އީގައި ހިމެނި، ކުޅުނު ފުރަތަމަ މެޗުގައި އިންޑިޔާއިން ވަނީ އޮމާނުގެ މައްޗަށް 2-1 އިން ކުރި ހޯދާފައެވެ. އެކަމަކު ދެވަނަ މެޗުގައި އެންމެފަހު ވަގުތު ޔޫއޭއީ އަތުން 1-0 އިން ބަލިވީއެވެ. އެހެންނަމަވެސް ކޮލިފައިން ފަހު މެޗުގައި ކިރްގިސްތާނުގެ މައްޗަށް ކުރި ހޯދިއްޖެނަމަ އިންޑިޔާއަށް އަންނަ އަހަރުގެ މުބާރާތުން ޖާގަ ލިބޭނެއެވެ.
ތޭވިސް އަހަރުން ދަށުގެ އޭޝިޔަން ކަޕް ކޮލިފައިންގައި 38 ގައުމު މިފަހަރު ވާދަކުރާއިރު، މުބާރާތަށް ކޮލިފައިވާނީ މީގެ ތެރެއިން 16 ގައުމެވެ.