އަންނަ ނޮވެމްބަރ 11 އިން 14 އަށް އައްޑޫސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ "އިންޓަރ ސްކޫލް/ޔުނިވަރސިޓީ ކޯސްޓަލް ރޯވިން ބީޗު ސްޕްރިންޓް" ގެ ޓައިޓަލް ސްޕޮންސަރަކީ އެމްޑަބްލިޔުއެސްސީ ކަމަށް ރޯވިން އެސޯސިއޭޝަނުން ވިދާޅުވެއްޖެއެވެ.
ރޯވިން އެސޯސިއޭޝަންގެ ރައީސް އަހުމަދު ހަބީބު ވިދާޅުވީ އެމްޑަބްލިޔުއެސްސީ ފަދަ ސަރުކާރު ކުންފުންޏަކުން މިފަދަ މުބާރާތެއް ބާއްވަން އެހީތެރިވެ ދެއްވަން ނިންމެވުމަކީ ލިބުނު ވަރަށްބޮޑު ހިތްވަރަކާއި ކުރިއެރުމެއް ކަމަށެވެ.
މީގެ އިތުރުން މި މުބާރާތް އެެހެނިގެން ގޮތްގޮތުން ސްޕޮންސަރ ކޮށްދެއްވައިފައިވާ ފަރާތްތަކުން އެ ދައްކަވައިދެއްވީ ރާއްޖޭގައި ރޯވިން ކުރިއަރުވަން އެބޭފުޅުންގެ ޝައުގުވެރިކަން ހުރި މިންވަަރު ކަމަށް އޭނާ ވިދާޅުވިއެވެ.
ޓައިޓަލް ސްޕޮންސަަރ އެމްޑަބްލިޔުއެސްސީގެ އިތުރުން މުބާރާތުގެ ޑެސްޓިނޭޝަން ޕާޓްނަރ އަކީ ވިޒިޓް މޯލްޑިވްސްއެވެ. ޑިޖިޓަލް ޕާޓްނަރ އަކީ އުރީދޫއެވެ. އޮފިޝަލް ޖާޒީ ސްޕޮންސަރ ކޮށްދެއްވައިފައިވަނީ ސަނީ އެންޓަރޕްރައިސަސް އެވެ. ޑްރިންކް ޕާޓްނަރއަކީ މޮގުމޮގު އެވެ. މުބާރާތުގެ އޮފިޝަލް މީޑިއާއަކީ ރާއްޖެ ޓީވީއެވެ.
މީގެ އިތުރުން ކޯޕަރޭޓް ސޮޕޮންސަރުންނަކީ ސަރުކާރުގެ މައިވިޔަފާރި ކުންފުނި ކަމަށްވާ އެސްޓިއޯ، ސިގްނޭޗަރ، ސޮނޭވާ، އައްޑޫ ސިޓީ ކައުންސިލް، ވެންޒަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑެވެ.
މި މުބާރަތަކީ ރާއްޖޭގެ އިތުރުން ބޭރުގެ ގައުމުތަކަށް ވެސް ބައިވެރިވެވޭނެއެވެ. ރާއްޖެއިން ބޭރުން ބައިވެރިވާ ގައުމުތަކުގެ ތެރޭގައި އިޓަލީ، އިނގިރޭސިވިލާތް، ޕާކިސްތާން ޗައިނާ ހިމެނެއެވެ. މި ނޫން އެހެން ބައެއް ގައުމުތަކުން ވެސް މުބާރާތުގައި ބައިވެރިވާން ޝައުގުވެރިކަން ފާޅުކުރިއެވެ. އެހެންނަމަވެސް ރާއްޖެއިން ބޭރުން ގެންނަންޖެހޭ ބައެއް ސާމާނު ގެނައުމަށް ދަތިތަކެއް ދިމާވުމުގެ ސަބަބުން އެގައުމުތަަކަށް ބައިވެރިވެވޭ ގޮތެއް ނުވިއެވެ.
މި މުބާރާތުގައި ރާއްޖެއިން 130 އެތުލީޓުން ބައިވެރިވެއެވެ. ރާއްޖެއިން ބޭރުން ބައިވެރިވާ އެތުލީޓުންގެ އަދަދަކީ 23 އެވެ. މީގެ އިތުރުން އެގައުމުތަކުގެ އޮފިޝަލުން ވެސް ބައިވެރިވާނެއެވެ.
މި މުބާރާތުގެ ސަބަބުން ބޭރުގެ ގައުމުތަކަށް އައްޑޫ ތައާރަފްވެ އިތުރަށް މަޝްހޫރުވެގެންދިއުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމުގެ އުންމީދު ވަރަށްބޮޑު ކަމަށް ރޯވިންއެސޯސިއޭޝަންގެ ރައީސް ވިދާޅުވިއެވެ. މިއީ އައްޑޫގެ ފަތުރުވެރިކަން ދުނިޔެއަށް އިސްތިހާރު ކުރުމަށް ލިބިގެންދާނޭ ފުރުސަތެއް ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.
ރޯވިންއަކީ ރާއްޖޭގައި ބާރަށް ކުރިއަރަމުން އަންނަ ކުޅިވަރެކެވެ. ރާއްޖޭގެ ޓީމުތަކުންވަނީ ބައިނަލްއަގުވާމީ ބައެއް މުބާރާތްތަކުގައި ވާދަކޮށް ފާހަގަ ކޮށްލެވޭ ރަން ވަނަތަކެއް ހާސިލްކޮށްފައެވެ.