ރާއްޖެ އަށް މި އަހަރު އައި ޓޫރިސްޓުންގެ އަދަދު އެއް މިލިއަނަށް އަރައިފި އެވެ.

މި އަހަރު އެއް މިލިއަން ވަނަ އަށް ރާއްޖެ އައި ޓޫރިސްޓްގެ ޝަރަފް ލިބުނީ މިއަދު މެންދުރުފަހު އައި ފްރާންސްގެ ރައްޔިތަކަށެވެ.

އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ފަތުރުވެރިޔާ އަށް ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އަދި މޯލްޑިވްސް އިމިގްރޭޝަނުގެ ބޭފުޅުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

މިއީ ކޮވިޑް-19އާ ގުޅިގެން ބޯޑަރު ބަންދުކޮށް އަލުން ހުޅުވިފަހުން އެއް މިލިއަން ޓޫރިސްޓުން ހަމަވި ފުރަތަމަ ފަހަރެވެ. މި އަހަރު އައި ޓޫރިސްޓުންގެ އަދަދު އެއް މިލިއަން ފަހަނަ އެޅިއިރު މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމަކީ އިންޑިއާއެވެ. އިންޑިއާ ފިޔަވައި ރާއްޖެއަށް ދެން އެންމެ ގިނައިން ޓުވަރިސްޓުން އައި ޤައުމުތަކުގެ ތެރޭގައި، ރަޝިއާ، ޖަރުމަނުވިލާތް، އެމެރިކާ، ޔޫކްރެއިން، ސްޕެއިން، އިނގިރޭސިވިލާތް، ފްރާންސް އަދި ކަޒަކިސްތާން ހިމެނެއެވެ.