ތުރުކީގައި ދިރިއުޅޭ ސޫރިޔާ ރެފިއުޖީން ދޮންކެޔޮކާ މަންޒަރު ދައްކައިގެން ނަގާފައިވާ ވީޑއޯތައް މީސްމީޑިއާއަށް ލުމުން، ތުރުކީވިލާތުން ސޫރިޔާގެ ހަތް ރެފިއުޖީން އަނބުރައި ސޫރިޔާއަށް ފޮނުވުމަށް ނިންމައިފިއެވެ.

ތުރުކީގެ ޓީވީ ސްޓޭޝަނަކުން މަގުމަތިން ބަޔަކާއެކު ކުރި ބަސްދީގަތުމެއްގައި ސުއާލު ކުރުމުން އަންހެނަކު ބުނެފައި ވަނީ ތަކެތީގެ އަގު އަތް ނުފޯރާ ފަށާށް ބޮޑުވެގެން ގޮސްފައިވާ ކަމަށެވެ. މިކަން މެދުވެރިވެގެން އުލެނީ ތުރުކީއަށް ސޫރިޔާ މީހުން އައިސްގެން ކަމަށާއި ސޫރިޔާ މީހުންނަށް އަބަދު ދޮންކެޔޮ ގަނެގެން ކާން ލިބޭ ކަމަށާއި ދޮން ކޭލުގެ އަގު ބޮޑުވެގެން ތުރުކީ މީހުންނަށް ދޮންކެޔޮ ނުކެވޭ ކަމަށެވެ.

އަދި އެހެން ބަސްދީގަތުމެއްގައި ތުރުކީ މީހަކު ވަނީ ސޫރިޔާ އަންހެން ކުއްޖަކާ ދިމާކޮށް، ކޮންމެ ދުވަހަކު ސެލޫނަށް ގޮސް އިސްތަށިގަނޑު ހައްދާ ކަމަށާއި ތުރުކީ މީހުންނަށް ކޮންމެ ދުވަހަކު ސެލޫނަށް ދާން ފައިސާ ނުލިބޭ ކަމަށް ބުނެފައެވެ. އަދި ތުރުކީ މީހުން ގައުމުން ފިލައިގެން ނުދާ ކަމަށާއި ސޫރިޔާ މީހުންވެސް ގައުމުން ފިލައިގެން ނުގޮސް ގައުމުގައި ތިބެންވާނެ ކަމަށް ބުނެފައެވެ.

ތުރުކީ މީހުންގެ މި ވާހަކަތައް މީސްމީޑިއާގައި ބަންޑުން ޖަހާލުމުން ތުރުކީ މީހުންނާއި ސޫރިޔާ މީހުން ސިފަ ކޮށްފައި ވަނީ މިއީ ނަސްލީ ދެކޮޅުވެރިކަމުގެ ވާހަކަތަކެއް ކަމަށެވެ.

ސޫރިޔާ މީހުން ވަނީ ސޮންކޭލުގެ ވާހަކަ ދެއްކި އަންހެން މީހާގެ ވީޑިއޯ ފަސްމަންޒަރަށް ލައިގެން ދޮންކެޔޮ ކާންތިބޭ މަންޒަރު މީސްމީޑިއާގައި އަނބުރާފައެވެ. މިކަމާ ގުޅިގެން ތުރުކީން ބުނެފައި ވަނީ މިއީ ތުރުކީ މީހުންގެ ޝުއޫރަށް ނުބަލައި ސޫރިޔާ މީހުން ހިންގާފައިވާ އުދުވާނީ އަމެލެއް ކަމަށެވެ. އެހެންވެ މިކަން ކުރިކަމަށް ބަލައި ސޫރިޔާގެ ހަތް މީހަކު ގައުމުން ބޭރު ކުރަން އުރުދުޣާންގެ ސަރުކާރުން ނިންމީއެވެ.

އުރުދުޣާންގެ ސަރުކާރުން މި ދޭތެރޭން 10 އެމްބެސެޑަރަކު ގައުމުން ބޭރުކުރަން ހިފިއެވެ. ނަމަވެސް ބައިނަލްއަގްވާމީ ދެކޮޅު ހެދުމާއެކު އެކަން ކާމިޔާބެއް ނުވިއެވެ. ސުރިޔާ ރެފިއުޖީން ބޭރުކުރުމުގައި އެފަދަ ދެކޮޅު ވެރިކަމަކާ އުރުދުޣާނަށް ލައިގަންނާނެ ހެނެއް ހިއެއް ނުވެއެވެ.

ސޫރިޔާގެ ހަތަރު މިލިއަން ރެފިއުޖީން ތުރުކީގައި ހިމާޔަތް ހޯދާފައި ވެއެވެ. ތުރުކީއަކީ ސޫރިޔާގައި ހަނގުރާމަ ކުރާ އެއް ގައުމެވެ.