އެމް.ޑަބްލިޔު.އެސް.ސީ އިން ރ.ފައިނުގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް އިފްތިތާޙުކޮށްފިއެވެ.

ފައިނުގައި އިއްޔެ ބޭއްވި ރަސްމީޔާތެއްގައި އެ މަސައްކަތް އިފްތިތާހު ކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ ޗެއާމަން އަހުމަދު މައުސޫމާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝާހުއާއި އިނގުރައިދޫ ދާއިރާމެ މެންބަރު ހަސަން އަހުމަދާއި ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާޝިފްގެ އިތުރުން ފައިނު ކައުންސިލްގެ ރައީސް މޫސާ އުމަރުމަނިކެވެ.

އެމްޑަބްލިއުއެސްސީން ބުނީ މި މަޝްރޫޢުގައި ހިމެނޭ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ފައިނަށް ގެނެވި، ނަރުދަމާ ނިޒާމްގެ ހޮޅިވަޅުލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ 60 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށްވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ.

ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ފައިނުގައި 5.37 ކިލޯމީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކެއް އަޅަން ހަމަޖެހިފައިވާ ކަމަށްވެސް ބުނެއެވެ. އަދި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބަހައްޓާނެކަމަށެވެ. މީގެ އިތުރުން ފެން ރައްކާކުރުމަށްޓަކައި ތިން ތާނގިވެސް ބަހައްޓާނެއެވެ.

މީގެ އިތުރުން ފައިނުގެ ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތްކުރަން ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ފައިނުގައި 4.8 ކިލޯމީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި 1.59 ކިލޯ މީޓަރުގެ ޕަންޕިން ލައިން އަޅާނެއެވެ. ހަމައެއާއެކު ތިން ޕަންޕިން ސްޓޭޝަނާއި އަދި އެއް ސީ އައުޓް ފްލޯ ގާއިމުކުރުމުގެ މަސައްކަތްވެސް މި މަޝްރޫގެ ތެރެއިން އެ ކުންފުނިން ކުރާނެއެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ފައިނުގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ ޖުމްލަ 63 މިލިއަން ރުފިޔާއަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެން ހިންގާ މަޝްރޫއެކެވެ.