ގަލޮޅު މަދްރަސާގެ ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ފުރިހަމަ ތަހްޤީޤެއް ހިންގާ، ސްކޫލްތަކުގައި ދަރިވަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ ހުށަހަޅުއްވަން ނިންމެވީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއެވެ.

ޝިޔާމް ވިދާޅުވީ، މި މައްސަލައާ ގުޅިގެން، ގަލޮޅު މަދަރުސާއިން އެންމެ ފުރަތަމަވެސް އަމަލުކުރީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށެވެ. އެގޮތުން، އެ ދަރިވަރާ ހަވާލުވެހުރި ޓީޗަރަށްވެސް ދަރިވަރު ހަވާލުކުރެވުނީ ކާކާއި ކަން ނޭނގޭ ކަމަށާއި، މިފަދަ ކަންތައްތައް ހިނގައިދިޔަ ގޮތް ބަލާނެ ސީސީޓީވީ ކެމެރާ ހަރުކޮށްފައި ނެތުމާއި، އެ ސްކޫލުގެ އިސްވެރިން މިކަމުގެ ޒިންމާއިން ރެކެން މަސައްކަތް ކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.

މީގެ އިތުރުން، މިފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ދަނޑިވަޅުގައި މެޑިކަލް ރިޕޯޓު އަވަހަށް ހެދޭނެ އިންތިޒާމެއް ހަމަޖެހިފައި އޮތުން މުހިންމު ކަމަށް ޝިޔާމް ވިދާޅުވިއެވެ. ނަމަވެސް، އެކަން ކުރެވުނީ ލަހުންކަން ފާހަގަ ކުރެވޭ ކަމަށާއި، އެއީ މިފަދަ މައްސަލަތަކުގައި ލިބޭ އަނިޔާގެ މިންވަރު ދެނެގަތުމަށް އެޅޭ ހުރަހެއް ކަމަށް ވިދާޅުވިއެވެ.

ހަމަ އެއާއެކު، މި މައްސަލާގައި ކަމާބެހޭ ނިންމަންޖެހޭ ނިންމުންތައްވެސް ލަސް ކަމަށާއި، މި މައްސަލާގައި ހިމެނޭ ހުރިހާ ފަރާތްތަކުންވެސް އަމަލުކޮށްފައި ވަނީ ޒިންމާދާރުކަން ކުޑަކޮށް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، މިކަމުގެ ސަބަބުން، ސްކޫލުގެ ނިޒާމަށް ބެލެނިވެރިން ކުރާ އިތުބާރު ކުޑަވެ، ކުރިއަށް އޮތް ޖީލުތަކަށް މިކަމުގެ ސަބަބުން ހުރަސްތަކާއި ކުރިމަތިވާނެ ކަމަށާއި، އެހެންވެ، މިހާރަށްވުރެ ބޮޑަށް ދަރިވަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އެހެންކަމުން، މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގައި، އެކަމުގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅައި، މިފަދަ ކަންތައްތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ސްކޫލް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމަށާއި، ދަރިވަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި، ކަމާބެހޭ ފަރާތްތަކުން މިފަދަ މައްސަލަތަކުގައި އަވަސް ފިޔަވަޅު އެޅުމަށް ޝިޔާމް ވަނީ ގޮވާލައްވައިފައެވެ.

ޝިޔާމް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފައިވާއިރު، ގަލޮޅު މަދަރުސާއިން ވަނީ އެ މަދަރުސާގައި މަސައްކަތްކުރާ ހުރިހާ މަސައްކަތު މީހުން އިއްޔެއިން ފެށިގެން ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައިވާ ކަމަށް ބުނެފައެވެ.