ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުގެ އަންދާޒާ އަކީ އަންނައަހަރު 1.2 މިލިއަން ފަތުރުވެރިން ރާއްޖެއައުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ 2022 ވަނަ އަަހރުގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވަމުން ނެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ މި އަހަރުގެ މިހާތަނަށް އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، މިހާރު އަންދާޒާ ކުރަނީ މި އަހަރު ނިމޭއިރު 1.2 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށް ކަމަށެވެ. އަދި މި އަންނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 50 އަހަރު ފުރޭ "ގޯލްޑަން ޖުބިލީ" އަހަރު ކަމަށާއި އެކަން ފާހަގަ ކުރުމަށް ގިނަ މާކެޓިންގ ހަރަކާތްތަކެއް ރާވާފައިވާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ އަމީރު ވިދާޅުވީ ދުނިޔޭގެ އިގްތިސޯދަށް އަންނަ ފަހި ބަދަލުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް އާރޯކަން ލިބެމުން އަންނަކަމަށެވެ.

އެގޮތުން ދުވާލެއްގެ މައްޗަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ މިންވަރު މިހާރު ހުރީ 2019 އާ ގާތްގަނޑަކަށް އެއް ހަމައެއްގައިކަން ވަނީ ފާހަގަ ކުރައްވާފަ އެވެ.