ކުރިއަށް މިއޮތް ދެ ހަފްތާގެ ތެރޭގައި ދުނިޔޭގެ ލީޑަރުންގެ މުހިންމު ދެ ބައްދަލުވުމެއް އޮންނާނެއެވެ. މި ހަފްތާ ބަންދުގައި ރޯމްގައި ޖީ20ގެ ގައުމުތަކުގެ ވެރިންގެ މަހާސިންތާ އޮންނާނެއެވެ. އެއަށްފަހު ޖެހިގެން އަންނަ ހަފްތާގައި ދުނިޔޭގެ ގައުމުތަކުގެ ވެރިން އިނގިރޭސިވިލާތުގައި ބައްދަލުކުރައްވާނެއެވެ.

މިއިން އެއްވެސް ބައްދަލުވުމެއްގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ފެނިވަޑައެއް ނުގަންނަވާނެއެވެ.

ދުނިޔޭގެ މަސްރަޙުން ޗައިނާގެ ރައީސް ފެނިވަޑައިނުގަންނަވާތާ މިހާރު ދެއަހަރުވީއެވެ. މީގެ ސަބަބެއްކަމަށް ރަސްމީ ފަރާތްތަކުން ބުނަނީ ކޯވިޑް19ގެ ވާހަކައެވެ. މީގެ އިތުރުން ޗައިނާގެ ޚާރިޖީ ސިޔާސަތަށާއި ދާޚިލީ ސިޔާސަތަށް ބަދަލު އައިސްފައިވާ ކަމަކީ ޝީ ގައުމުން ބޭރަށް ވަޑައި ނުތަމުގެ ސިއްރެއްކަންވެސް ބައެއް ފަރާތްތަކުން ބުނެއެވެ. އެފަރާތްތަކުން ލަފާ ކުރާ ގޮތުގައި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ އެތެރޭގެ ކޯޅުންތައްވެސް އެއީ ސަބަބެކެވެ. މި މީހުންގެ ވާހަކައަށް ބާރުލިބޭ ހެއްކަކީ މިފަހަކަށް އައިސް އަވަސްއަހަހަށް މަތީ މަގާމުތަކުން މަސްއޫލުވެރިން ވަކިކޮށް އައު ވެރިން އައްޔަން ކޮށްފައިވާ ވާހަކައެވެ.

މީގެ ކުރިން ޑިޕްލޮމެޓިކް އާދަކާދަ ހަމަޖެހިފައި އޮންނަ ގޮތާ ޚިލާފަށް ޗައިނާގެ ރައީސް އަދިވެސް އެމެރިކާގެ ރައީސާ ޝަޚްސީ ގޮތުން ބައްދަލެއް ނުކުރައްވައެވެ.

ނިއުޔޯކް ޓައިމްސްއިން ލިޔެފައިވާ ތަޙުލީލެއްގައި ބުނަނީ ޗައިނާގެ ރައީސް ޝީ ދެކެވަޑައިގަންނަވާ ގޮތުގައި ދުނިޔެއިން ޗައިނާއާ މުއާމަލާތު ކުރަން ޖެހޭނީ ޗައިނާގެ ޝަރުތުތަކާ އެއްގޮތަށެވެ. މީގެ ސަބަބުން ޗައިނާ ވަނީ ދުނިޔޭގައި އެކަހެރި ވެފައެވެ.

މިއަންނަ އަހަރު އޮންނަ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ކޮންފަރެންސްގައި ރައީސް ޝީ އައު ދައުރަކަށް ޗައިނާގެ ލީޑަރުކަން ބޭނުންފުޅުވެގެން ކޮމިއުނިސްޓް ޕާޓީއަށް އެދިވަޑައިގަންނަވާނެއެވެ. ޝީ ވަނީ އޭނާގެ ވާދަވެރިންނާއި ފާޑުކިޔާ މީހުން އިސް މަގާމުތަކުން ދުރުކޮށްލައްވާފައެވެ. އޭނާ ވަނީ އުރު ދުވަހަށް މަގާމުގައި ހުންނެވޭ ގޮތަށް ގައުމުގެ ދުސްތޫރަށް ބަދަލު ގެންނަވާފައެވެ.

ޗައިނާގެ ވެރިކަމުގެ ކިއްލާގައި މިހާރު ކަން ހިނގާ އުސޫލު ޚުލާސާކުރަމުން ނިއުޔޯރކް ޓައިމްސްއިން ބުނަނީ ޗައިނާގެ ވިސްނުމަކީ ބިންގަރާސް ވިސްނުމެކެވެ. ރައްކާތެރިކަމާއެކު ބިންގަރާހުގައި އުޅެ އެހެން މީހުންނާ ޝަޚްސީ ގޮތުން އެކަހެރި ވުމުގެ ވިސްނުމެވެ.

މީގެ ކުރިން އެމެރިކާގެ ރައީސްކަން ކުރެއްވި ޓްރަމްޕް އެމެރިކާ އެހަކެރިކޮށްލުމުން ޝީ ވިދާޅުވެފައި ވަނީ ދުނިޔޭގެ ނިޒާމު ބަލަހައްޓާ އިސްފަރާތަކީ ޗައިނާގެ ރައީސްގެ ހައިސިއްޔަތުން އޭނާ ކަމަށެވެ. މިހާރު ޝީ ގައުމުން ބޭރަށް ވަޑައިގެން ދުނިޔޭގެ ލީޑަރަކާ ބައްދަލު ނުކުރައްވާތާ 21 މަސް ދުވަސްވީއެވެ.