އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ ކާބުލް ޔުނިވަރސިޓީގެ ކެމްޕަސްތެރެއަށް ހަތިޔާރުއެޅި ބަޔަކު ވަދެ ބަޑިޖަހައި 19 ކިޔަވާކުދިން މަރާލައިފިއެވެ.
މި ހަމަލާގެ ތެރޭގައި އިތުރު 22 މީހަކު ޒަޚަމްވެފައިވާ ކަމަށް އަފްޣާނިސްތާނު ސަރުކާރު އޮފިޝަލުން ކަށަވަރު ކޮށްދެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި ހަތިޔާރުއެޅި މީހުން ކާބުލް ޔުނިވަރސިޓީ ކެމްޕަސް ތެރެއަށް ހަމަލާދޭން ފެށުމާއެކު، އެތަނުގައި ތިބި އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުންވަނީ ހަތިޔާރުއެޅި މީހުންނަށް ހަމަލާދޭން ފަށާފައެވެ.
ޔުނިވަރސިޓީ ކެމްޕަހަށް ހަމަލާދިނުމުގައި ބައިވެރިވީ 3 މީހުން ކަމަށާއި، ސަލާމަތީ ބާރުތަކާއި އެމެރިކާ ސިފައިން ގުޅިގެން ތިން ހަމަލާތަކުގައި އެ ތިންމީހުންވެސް މަރާލާފައިވާ ކަމަށް މީޑިއާއިން ބުނެއެވެ.
ހަތިޔާރުއެޅި މީހުން ކިޔަވާކުދިންގެ ގަޔަށް ބަޑިޖަހާފައިވަނީ އެމީހުން ޔުނިވަރސިޓީ ކެމްޕަސްތެރެއަށް ވަދެގަނެ ހަމަލާދޭން ފެށުމުން ސަލާމަތްވާން ވެގެން ދުވަމުން ދަނިކޮށް ކަމަށް ވެއެވެ.
އަފްޣާނިސްތާނުން ލިބޭ ހަބަރުތައް ބުނާގޮތުގައި، ހަތިޔާރުއެޅި ބަޔަކު ކާބުލް ޔުނިވަރސިޓީ ކެމްޕަހަށް ހަމަލާދިން ވަގުތަކީ އެ ކެމްޕަހުގައި ފޮތް މައުރަޒެއް ކުރިއަށްދިޔަ ވަގުތެކެވެ. ފޮތް މައުރަޒު ހިނގަމުންދިޔަ ތަނުގައި އީރާނުން އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރުވެސް ހުންނެވި ކަމަށް ވެއެވެ.
މިހާދިސާގައި އީރާނުގެ އެމްބަސެޑަރައަށް އެއްވެސް ކަމެއް ވީކަމެއް އަދި ސާފެއް ނުވެއެވެ. އަފްޣާނިސްތާނު ސަރުކާރުން އެކަމާގުޅޭގޮތުން އެއްވެސް އެއްޗެއް އަދި ނުބުނެއެވެ.
އީރާނުގެ އިސްނާ ނޫސް އޭޖެންސީން ބުނެފައިވަނީ، އީރާނުގެ ލިޔުންތެރިން ލިޔެފައިވާ ފޮތްތައް ހިމެނޭ މައުރަޒް ހުޅުއްވައިދެއްވަން ހަމަޖެހިފައިއޮތީ އެމްބަސެޑަރ ބަހާދުރު އާމިނިއާން ކަމަށެވެ.
ކާބުލް ޔުނިވަރސިޓީ ކެމްޕަހަށް ހަމަލާދިން ހަބަރު ފަތުރާފައި ވީނަމަވެސް، އެމްބަސެޑަރާ ގުޅޭގޮތުން އިސްނާ ނޫސް އޭޖެންސީންވެސް އެއްވެސް އެއްޗެއް ނުބުނެއެވެ.
ބަޑީގެ ހަމަލާތައް ދިންވަގުތު ކެމްޕަސް ތެރޭގައި ހުރި ކިޔަވާ ކުއްޖެއް ކަމަށްވާ ފަތުހުﷲ މުރާދީ ބުނެފައިވަނީ، ބަޑި ހިފައިގެންތިބި މީހުން ދިޔައީ ފެންނަ ކޮންމެ ކިޔަވާކުއްޖެއްގެ ގަޔަށް ބަޑިޖަހަމުން ކަމަށެވެ.
ކާބުލް ޔުނިވަރސިޓީއަކީ އަފްޣާނިސްތާނުގެ އެންމެބޮޑު އަދި އެންމެ ޝަރަފްވެރި ޔުނިވަރސިޓީއެވެ.
މަންޒަރު ދުށް މީހުން ބުނެފައިވަނީ، ކެމްޕަހަށް ބަޑީގެ ހަމަލާތައް ދޭން ފެށުމުގެކުރިން އެ ހިސާބުގައި އެއްޗެއް ގޮއްވާލާފައި ވެއެވެ.
މިހާދިސާއާ ގުޅިގެން އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތުން ބުނެފައިވަނީ، ޔުނިވަރސިޓީ ކެމްޕަހަށް ހަމަލާދިނުމުގައި އެ ޖަމާއަތުގެ މީހުން ބައިވެރި ނުވާ ކަމަށެވެ.
ކެމްޕަހަށް ދެވުނު ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ.