ފުލުހުންނަކީ އަމިއްލަ ނަފްސަށާއި، އެމީހެއްގެ އާއިލާގެ މައްޗަށް، އަދި މުޅި މުޖުތަމައުގެ މައްޗަށް އަބަދުވެސް އަދުލުވެރި އިންސާފްވެރި، ހަމަހަމަކަން ފޯރުކޮށްދޭ ބައެއް ކަމަށާއި އަޅުގަނޑުމެންގެ ތެރޭން އެކަން ނެތިގެން ހިނގައްޖެ ކޮންމެ ހިނދެއްގައި އޭގެ ހިތި ނަތީޖާއާއި، އަސަރު މުޅިޤައުމަށް ކުރާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރޭންކާއި ގްރޭޑްގެ ކުރިއެރުން ދިނުމަށް އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފުލުހުންނާ މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު މިއޮތީ އަޅުގަނޑުމެން އެންމެ އެދޭ ހިތްހަމަޖެހޭގޮތަކަށްނޫން ކަމަށެވެ. އަދި މުޅި ދުނިޔޭގެ އިޤްތިޞާދަށް ވަނީ ނޭދެވޭ އަސަރުކޮށްފައި ކަމަށާއި މިހާލަތުގައިވެސް ރައްޔިތުންގެ ސަލާމަތާއި، ރައްކާތެރިކަން ރައްޔިތުންގެ އުފާވެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާއަށް ދެވިފައިވާ ބަޖެޓަކީ މިކަމުގެ ހެއްކެއްކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޒަމާނީ ގޮންޖެހުންތަކާ ފައިހަމަކުރެވޭވަރުގެ މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށްބޮޑު އިސްކަމެއްދެއްވާ ކަމަށެވެ. އަދި އެމަނިކުފާނު ވެސް ލިބިފައިވާ ފުރުޞަތާއި، ލިބިފައިވާ ވަޞީލަތްތައް ބޭނުންކޮށްގެން އެކަމަށް މަސައްކަތް ކުރައްވަމުންދާކަމަށް ވިދާޅުވި އެވެ.

ދައުލަތުގެ ތެރެއިން ފުލުހުންގެ މުއައްސަސާއަށް ލިބިދޭންޖެހޭ ކަރާމަތާއި، ޝަރަފް ހޯދައިދިނުމަށްޓަކައިވެސް ވަރަށްގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަމަށާއި މިދަތިކަން އޮތް ދުވަސްވަރު 2022 ވަނަ އަހަރަށް ފުލުހުންގެ މުއައްސަސާއަށް ކަނޑައަޅުއްވާފައިވާ ބަޖެޓަކީ އޭގެ ހެއްކެއްކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އަޅުގަނޑުމެންގެ މިމުޖުތަމައުގައި އަމާންކަމާއި، ރައްކާތެރިކަމާއި، ސަލާމަތްކަން އޮންނަން ބޭނުންވި މިންވަރަކަށް އަޅުގަނޑުމެންގެ އަމިއްލަ ނަފުސުން އެކަން އަދާކޮށް މުޅި މުޖުތަމައުއަށް ދައްކައިދޭން ޖެހޭ ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާއަށް މަތިކޮށްފައިއޮތީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށާއި، މުޖުތަމައު ޝަރަފްވެރި މުޖުތަމައުއަކަށް ވެގެންދަނީވެސް ފުލުހުންގެ މުއައްސަސާ ޝަރަފްވެރި މުޖުތަމައުއަކަށްވީ މިންވަރަކުން ކަމަށެވެ.

މުއައްސަސާ ބިކަވެ ނިކަމެތިވި މިންވަރަކުން މުޅި ދައުލަތް، މުޅި ރައްޔިތުން، ބިކަވެ ނިކަމެތިވެގެންދާނެކަން މިނިސްޓަރ އިންރާން ވަނީ ފާހަގަ ކުރައްވާފަ އެވެ.