ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒިޔާދުގެ މައްޗަށް ދައުލަތުން އުފުލި މަގާމުގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ކުށުގެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޑރ. ޒިޔާދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުރިއިރު ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްއާ ހިލާފަށް ދައުލަތަށް ގެއްލުންވާ ގޮތަށް އެއްބަސްވުން ގާއިމުކޮށްފައިވާތީ އާއި، މި އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެސްޖޭ ކޮންސްޓްރަކްޝަނަށް އިކުއިޓީގެ ގޮތުގައި ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާއިރު އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ނުލިބި އެސްޖޭ ކޮންސްޓްރަކްޝަނަށް ނާޖާއިދު ފައިދާއެއް ހޯދާދީފައިވާ މައްސަލައާ ގުޅިގެންނެވެ.
އެ މައްސަލަގާއި ހުކުމް ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ ދައުލަތަށް ގެއްލުންވާ ގޮތަށް އެސްޖޭ ކުންފުންޏަށް އެކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ދައުލަތުން ބުނެފައިވީ ނަމަވެސް އެއީ އުސޫލުން ބޭރުން ހިމަނާފައިވާ ފައިސާކަން ދައުލަތަށް ކަށަވަރުކޮށްދީފައި ނުވާ ކަމަށެވެ.
މީގެއިތުރުން ވަޒީރެއްގެ ޙައިސިއްޔަތުން އެއްބަސްވުމުގެ ޒިންމާ ޑރ. ޒިޔާދު ނަންގަވަން ޖެހޭނެކަަމަށް ދައުލަތުން ފާހަގަކޮށްފައިވީނަމަވެސް، މި އެއްބަސްވުމުގައި ޑރ ޒިޔާދު ސޮއި ކުރައްވާފައިވުމަކީ ރަސްމީ ޙައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމަށް ކޮށްފައިވާ ކަމެއްކަން އެނގެން ނެތްކަން ޙުކުމުގައި ބަޔާންކޮށްފައިވެއެވެ. އަދި މި މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ޝަފަހީ ހެކިންގެ ހެކިބަހުން އެމީހުންނަށް އެއްބަސްވުމާ ބެހޭ މާ ބޮޑު އެއްޗެއް ނޭނގޭކަން ސާފުވާ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުން ވަނީ ޑރ ޒިޔާދު ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރެއްވުމަށް ކުރި އަމަލެއް ދައުލަތެއް ބުނެދެވިފައިނުވާކަމަށް ނިންމާފައެވެ.
ޒިޔާދުގެ އިތުރުން މި މައްސަލައިގައި ވަނީ އިސްލާމިކް މިނިސްޓްރީގެ ކުރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއަކަށް ހުރި، އިބްރާހިމް ޢަބްދުﷲ ސަޢީދު ގެ މައްޗަށްވެސް ދައުވާ އުފުލާފައެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ވަނީ އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް އުފުލި ދައުވާ ވެސް ސާބިތު ނުވާ ކަމަށް ހުކުމްކޮށްފައެވެ.