ކޮޕް26 ގެ ބައްދަލުވުމުގައި ރަނގަޅު ނިންމުންތައް ނުނިންމިއްޖެނަމަ، އިތުރު އެތައް ބިލިއަން މީހުނަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކޮޕް26ގެ ހަވާސާގައި ކުރިއަށްދިޔަ ކޮމަންވެލްތު ލީޑަރސް އެޓް ދަ ވޯރލްޑް ލީޑަރސް ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
އެމަނިކުފާނު ވަނީ ކޮޕް26 ގެ ބައްދަލުވުމުގައި ނިންމާ ނިންމުންތަކަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބިލިއަން ބަޔަކު ބަރޯސާވާމިންވަރު އަންގައިދެއްވައި، ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުން ކޮޕް26 ގެ ބައްދަލުވުމުގައި ރަނގަޅަށް ގޮތް ނިންމެވުމަށް ބާރުއަޅުއްވާފަ އެވެ.
އެގޮތުން އެމަނިކުފާނު ވަނީ ކޮޕް26 ގެ ބައްދަލުވުމުގައި ރަނގަޅު ނިންމުންތައް ނުނިންމިއްޖެނަމަ، އިތުރު އެތައް ބިލިއަން މީހުނަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަން ފާހަގަ ކުރައްވާފަ އެވެ. އަދި އޭގެތެރޭގައި މުޅި ރާއްޖޭގެ ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
މި ބައްދަލުވުމުގައި ތިއްބެވި ހުރިހާ ބޭފުޅުން ވެސް ރަނގަޅު ނިންމުން ނިންމެވުމަށް ރައީސް ވަނީ ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ.
މީގެ އިތުރުން ކޮމަންވެލްތް ބައްދަލުވުމުގައި ރާއްޖެފަދަ ކުދި ޤައުމުތަކުން މޫސުމާބެހޭ ނުރައްކާތަކުން ސަލާމަތްވުމަށް ކުރަން ކަނަޑައަޅައިފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ރައީސް ވަނީ 'ކްލައިމެޓް ފައިނޭންސް' ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް މަގުފަހިކުރުމަށް ބާރުއަޅުއްވާފަ އެވެ. އަދި މިހާރު އޮތް 'ކްލައިމެޓް ފައިނޭންސް' ހޯދުމަށް ކުރަންޖެހޭ ބުރަ މަސައްކަތްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ.
ހަމައެއާއެކު އެމަނިކުފާނު ވަނީ ކޮމަންވެލްތުން މިފަދަ ކަންކަމުގައި އިސްނަގައި 'ކްލައިމެޓް ފައިނޭންސް' ފަސޭހަކަމާއެކު އެއަށް ބޭނުންޖެހިފައިވާ ޤައުމުތަކަށް ލިބޭނެ މަގުފަހިކުރުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި 'ކޮމަންވެލްތް ކްލައިމެޓް ފައިނޭންސް އެކްސެސް ހަބް' ގެ މަސައްކަތް އިތުރަށް ފުޅާކުރުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.