1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހުގެ އިރުގެ އަލިކަން ފާޅުވި އިރު ދިވެހި ރައްޔިތުން ތިބީ ބިރުވެރިކަމާއި ނާމާން ކަމެއްގެ ތެރޭގައެވެ. މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ކަންފަތުގައި ޖެހުނު ބަޑީގެ އަޑާއެކު ހޭލެވުނު އިރު ގައުމު އޮތީ ބޭރު ބައެއްގެ ބާރުގެ ދަށުގައެވެ. މި ބަޑީގެ އަޑު ކަންފަތުގައި ޖެހި މަންޒަރު އެންމެ ގާތުން ފެނުނު އެއް ބަޔަކީ މާފަންނު ނަސީމީގޭގައި ދިރިއުޅޭ މީހުންނެވެ.
ފަތިހު ފަތިސްނަމާދަށް ތެދުވެ ކިނބިގަސްދޮށުގޭކައިރީ ހުރި ސިފައިންގެ މީހާ ގާތު ވާހަކަ ދައްކަންހުރި ނަސީމީގޭ ވެރިފަރާތަށް ކުއްލި ސިހުމެއް ލިބުނީ ބޮޑެތި ބަޑިތަކާއެކު ދުވަމުން އައި ސިފައިންތައް ފެނުމުންނެވެ. ބަޑީގެ އަޑާއެކު ގޭގެ އެންމެން ހަޅޭލަވައި ރޮއިގަތް އަޑު އިވުނެވެ. އެވަގުތު ގޭގެ ހުރިހާ ކުދިންނާއި ބޮޑެތިމީހުން އެއްކޮޓަރިއަކަށްވަނެވެ.
ބަޑީގެ އަޑުފައްގަޑުން ބިރުން ތިބި ކުޑަކުދިންނާއި ބޮޑެތިމީހުން ހައިރާން ކަމާއެކު އެކަކު އަނެކަކަށް ބަލަމުން ދިޔަ އިރު ލޮލުން ކަރުނަ އޮހެރެމުން ދިޔައެވެ.
އެވަގުތު އެކޮޓަރީގައި ބައެއް ކުދިން ނެތްކަން އެނގުމުން އިތުރަށް ހާސްކަން ބޮޑުވިއެވެ. ނަމަވެސް ދޮރު ހުޅުވާލަން ނުކެރިފައި ތިބީ ބަޑީގެ އަޑު ގަދަކަމުންނެވެ. ކިނބިގަސްދޮށުގެއިން ބިއްލޫރިތައް ތެޅޭ އަޑުފައްގަނޑުވެސް އެހާ ގަދައެވެ. ކުއްލިއަކަށް ސައިކަލެއްގެ އަޑު އިވުމާއެކު ބަޑީގެ އަޑު އިތުރަށް ގަދަވިއެވެ. އެއާއި އެކު ކޮންމެވެސް މީހަކު އެއްޗެއްބުނި އަޑު އިވުނެވެ. ހަމަ އެއާއެކު އަނެއްކާވެސް ބަޑީގެ އަޑެވެ.
އެވަގުތު ނަސީމީގޭ ހުރިހާ ކުދިން ބެލުމުގެ ޒިންމާ އުފުލަމުން ދިޔަ ފަހުމިއްޔާ އަށް ރޮވިއްޖެއެވެ. ހުރިހާކުދިންގެ ގައިގައި ބައްދަމުން ހެޔޮ ދުޢާ ކުރަމުން ގެންދިޔައިރު ފަހުމިއްޔާއަށް އެ އިވުނީ ކާކުގެ އަޑުކަން އެނގުނެވެ. އެއީ އެގޭ އެންމެންނާވެސް ވަރަށް ގާތް ގުޅުމެއް އޮންނަ އިލިޔާސްގެ ބޮޑީގާޑެއް ކަމުގައިވާ ކުޑަނެވި ތުއްތުމަނިކުގެ ސައިކަލުގެ އަޑުކަން ފާހަގަ ކުރެވުނީތީއެވެ.
މިގޮތުގައި އިރު އަރަންދެން ނަސީމީގޭ އެންމެން ތިއްބާ ކުއްލިއަކަށް އެގޭ ފޯނު ރިންގުވާން ފެށިއެވެ. އެކޮޅުން ވާހަކަދެއްކި މީހަކު އެންގީ އެގެޔާ ގާތް ގުޅުމެއް އޮންނަ ކުއްޖެއްގެ ގަޔަށް ވަޒަން އަރައިގެން ގެއަށް ގެންނަ ކަމެވެ. މި ޚަބަރާއެކު ގޭގެ ކުދި ބޮޑު އެންމެން ރޯން ފެށިއެވެ.
ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ ގެއަށް އެވަނީ އަޅުގަނޑުމެންގެ މުނިފޫހި ފިލުވައި ދިނުމުގެ ބައިވެރިޔާ ޔޫސުފް ރަފީއު (ޔޫސޭ) އެވެ. އޭނާއައީ ވަޒަން އަރާފައިވާ ޒުވާނަކު ގޮވައިގެނެވެ. ޔޫސޭއާއި އޭނާގެ އެކުވެރިން ފިލާގަނޑެއްގެ މަތީގައި ގެނެސް ގެއަށްވެއްދި ޒުވާނާއަކީ ގެއިން ކައިބޮއި ހަދާ އާއިލާގެ މެންބަރެއްގެ ގޮތަށް އުޅޭ ކުއްޖެއް ކަމުގައި ފަހުމިއްޔާ އިބުރާހިމް ކިޔައި ދެއްވިއެވެ.
އޭނާގެނެސް ފަށްޖެހި އެނދުގައި ބަންޑުން ބޭއްވި އިރު ބުރަކަށިން އަންނަ ލޭ ފެނިފައި ފަހުމިއްޔާގެ ފިރިކަލުން އަނބުރައިގަތެވެ. އަދި ފަހުމިއްޔާގެ ބޮލަށްވެސް އެނބުރުން އެރިއެވެ. ނަމަވެސް ހިތްވަރުކޮށްފައި އެ ޒުވާނާ ގޮވައިގެން އައި އެހީތެރިން އެދުމުން ފޮތިގަނޑެއް ހޯދައި އެމީހުނާ ހަވާލުކުރިއެވެ. އެ ފޮތިގަނޑަކީ ފަހުމިއްޔާގެ ފިރިކަލުންގެ މުންޑެކެވެ. އެވަގު އަވަހަށް އަތުޖެހުނު ފޮތިގަނޑަކީ އެއީ ކަމުގައި އޭނާ ކިޔައި ދެއްވިއެވެ. އެއަށްފަހު ޑޮކްޓަރ އަޒީވެސް އެގެއަށް ގެންނެވިއެވެ. އަދި ދަނޑިއެއްގެ އެހީގައި ގުލްކޯޒު ފުޅި އެލުވައިގެން ވަޒަންއެރި ޒުވާނާއަށް ފަރުވާ ދޭން ފެށިއެވެ.
ކުޑަ އިރުކޮޅެއްނުވެ އަނެއްކާވެސް ވަޒަން އަރައިގެން މީހަކު ގެނެސް ނަސީމީގެއަށް ވެއްދިއެވެ. އެއީ ލޯންޗެއްގައި އޮއްވައި ފަޔަށް ވަޒަން އަރައިގެން ގެނައި މީހެކެވެ. އަނެއްކާ ތިންވަނަ މީހަކުވެސް ވަޒަން އަރައިގެން ނަސީމީގެއަށް ގެނައެވެ. މި އެންމެންވެސް އެ ގެއަށް ގެންނަން ޖެހުނީ ހޮސްޕިޓަލަށް ގެންދެވޭނެ ގޮތެއް ނެތިގެނެވެ. އެންބިއުލާންސުތައް ވަނީ އަރައިގެން އުޅޭ ބާޣީންގެ އަތްދަށުގައެވެ. ސެންޓަރަލް ހޮސްޕިޓަލްވެސް ވަނީ އެމީހުންގެ ބާރުގެ ދަށުގައެވެ. އެހެންކަމުން އަވަސް ފަރުވާ ދިނުމަށްޓަކައި ޑޮކްޓަރެއް ހުންނެވި ތަނަކަށް އެ މީހުން ގެންނަނީއެވެ. މި އެންމެން އެގެއަށް ގެނައުމުގައި އިސްވެ އުޅުނީ ޔޫސުފު ރަފީއު އާއި އޭނާ އާއެކު އުޅުނު ޒުވާނުންކޮޅެކެވެ.
ތަޅުންނާޅައި އޮތް ނަސީމީގޭ ވެލިގަނޑުމަތީގައި ލޭގެ ކޯރުތައް ދެމެމުން ދެއެވެ. މީހުންގެ ގައިން ފައިބާ ލެއިން މުޅި އެ ގެ އޮތީ ކޯރު ހެދިފައެވެ. ނަމަވެސް އެގޭގައި ދިރިއުޅުނު ކުދިން ހިތްވަރު ދޫނުކޮށް ވަޒަން އެރި މީހުނަށް ހޭހަން ކުރުމުގައި ތިއްބެވެ. ޑޮކްޓަރ ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނެވެ. އެހެނަސް އެއިން އެކެއްގެ ލޮލުންވެސް ކަރުނަހިކޭ އެންމެ ހިނދުކޮޅެއްވެސް ނުދެއެވެ. ވާނީވެސް އެހެންނެވެ. ލޯމަތީގައި ވަޒަންއަރައި ޒަޚަމްވެފައި އެތިބީ ދިވެހި ދަރީންނެވެ. މި ގައުމުގެ ކުށެއްނެތް ރައްޔިތުންނެވެ. އެމީހުނަށް ރަނގަޅު ފަރުވާއެއް ދެވޭނެ ގޮތެއް ނެތިފައެވެ.
ފަހުމިއްޔާ އިބުރާހިމް ބުނުއްވިގޮތުގައި އެ ދުވަހު ހިތަށް ކުރި އަސަރަކީ ދުލުން ބަޔާންކޮށްދެވޭނެ އަސަރުތަކެއްނޫނެވެ. އެދުވަހު އެ ކުރެވުނު އިހުސާސްތަކަކީ ގަލަމުންވެސް ބަޔާން ކޮށްދެވޭނެ އިހުސާސްތަކެއް ނޫނެވެ.
ފަހުމިއްޔާ އިބުރާހިމަށް ހަމަ ސާބަހެވެ. ތިޔަ ކޮށްދެއްވީ ގައުމީ ޚިދުމަތެކެވެ. އައްޑަނަޔަކުން ހަނދާނީ ލިޔުމަކުން ފާހަގަ ނުކުރި ކަމުގައިވިޔަސް ތިޔަ ގެއިން ދިން ޚިދުމަތް ފުހެވިގެން ނުދާނެއެވެ.
ވަޒަން އެރި އެންމެން ހޮސްޕިޓަލަށް ގެންދެވެންދެން ނަސީމީގެއިން ދެވެންއޮތް ހުރިހާ އެހީތެރިކަމެއް ދެއްވިކަމަށް ޔޫސޭ ބުނުއްވިއެވެ. ޔޫސޭ ބުނުއްވާގޮތުގައި ނަސީމީގެއަކީ ނޮވެންބަރު 3 ގެ ހޮސްޕިޓަލެވެ.