ތިނެއް ނޮވެމްބަރު 1988 ވަނަ ދުވަހުގެ އުދުވާނީ ހަމަލާއިން ސަލާމަތްވުމަށް އެންމެ ވަރުގަދަ ހަތިޔާރަކަށްވީ ދިވެހިންގެ އިސްލާމީ މަތިވެރި ޢަޤީދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ، ނަސްރުގެ ދުވަހާ ގުޅިގެން ނެރުއްވި ހިޠާބުގައެވެ.

އެގޮތުން ރައީސް ޞާލިޙް ވިދާޅުވީ މިއަދު ދިވެހިރާއްޖޭގެ ކޯއްޓޭތަކުގައި، ފެއްސާއި ރަތާއި ހުދުގެ ޤައުމީ ދިދަ ވިހުރެމުން އެދަނީ، ނަސްރުގެ ދުވަހު ދިވެހި ސިފައިން ވެފައިވާ މަތިވެރި ޤުރުބާނީގެ ސަބަބުން ކަމަށެވެ. އެ ބޭފުޅުން އެ ދުވަހު މި ޤައުމަށް ދެއްކެވި ޤައުމީ ނަމޫނާއަކީ، މިއަދާއި މާދަމާގެ ދަރިންވެސް، ނަމޫނާއެއްގެ ގޮތުގައި ދެކެންޖެހޭނެ، އަދި އެ ބޭފުޅުންގެ ޒިކުރާ އަބަދުވެސް އާކުރަންޖެހޭނެ މަތިވެރި ނަމޫނާއެއް ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"ދީނާއި ޤައުމަށްޓަކައި ފުރާނައިން ފިދާވެދިޔަ އެތައް ސިފައިންނެއްގެ ޒިކުރާ އައުކޮށްދެމުންނެވެ. މިއީ، ދުޝްމަނުން ދެމުންދިޔަ ވަރުގަދަ ޙަމަލާތަކުގެ ކުރިމަތީގައި، ދިވެހި ޢަސްކަރިއްޔާގެ ހިތްވަރުގަދަ ކެރޭ ފަހުލަވާނުން، އަމާންނުދީ ސާބިތުކަމާއެކު ހަނގުރާމަކޮށް، ދިވެހި ޤައުމަށް ނަޞްރު ހޯދައިދިން ދުވަހެވެ." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ ޞުލްޙަވެރިކަމާއި އަމާންކަމާއި ހަމަޖެހުމާއި އުފާވެރިކަމާއެކު، މި ޖަޒީރާތަކުގައި ދިރިއުޅެމުން އައި ދިވެހިންނަށް، 1988 ނޮވެންބަރު ތިންވަނަ ދުވަސްވީ، ނިރުބަވެރިކަމުގެ ބިރުވެރި ނުރައްކަލުގެ ތެރެއަށް ހޭލެވުނު ދުވަހެއް ކަމުގައި ކަމަށެވެ.

"އެ ދުވަހުގެ އިރު އަރަމުންދިޔަ ވަގުތަކީ، ބަޑީގެ ނުރައްކާތެރި އަޑުފަށްގަނޑާއެކު، ބިރުވެރި އެތައް ވާހަކަތަކެއް ފެތުރެމުންދިޔަ ވަގުތެކެވެ. އެ ހެނދުނަކީ، ދުޝްމަނުންގެ ބަޑީގެ ވަޒަންތައް އަމާޒުވެ، ޝަހީދުވި ސިފައިންނާއި މުވާޠިނުންގެ ޚަބަރުތައް، ޤައުމަށް ފެތުރެމުންދިޔަ ހިތްދަތި ހެނދުނެކެވެ. ދެންވާނެ ގޮތަކާމެދު ހުރިހާ ރައްޔިތުންވެސް ނުހަނު ކަންބޮޑުވެ ހާސްވެފައި ތިބި ވަގުތެކެވެ." އެދުވަހުގެ ބިރުވެރިކަމުގެ ހަނދާން އާ ކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވިއެވެ.

ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއިން ދިވެހިރާއްޖެ ސަލާމަތުގެ އައްސޭރިއަށް ފޯރުކޮށްދިނީ، ދިވެހި ދަރިންގެ ހިތްވަރާއި ހިންމަތާއި މިންނަތުން އަދި ދިވެހި ދަރީންތަކެއް ވެދިން މަތިވެރި ޤުރުބާނީގެ ސަބަބުން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.