ޝަހީދުންގެ ބިނާގައި ދިދަ ނެގުމުގެ ރަސްމިއްޔާތު އެމްއެންޑީއެފް އިން ބާއްވައިފި އެވެ.

ރާއްޖޭގެ 33 ވަނަ ނަސްރުގެ ދުވަސް ފާހަގަކުރުމަށް ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާ ކުރިމަތީގައި މިއަދު ހެނދުނު ބޭއްވި ނަސްރުގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތާއި، ގާޑް މޮމެންޓް ކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ.

މިރަސްމިއްޔާތުގައި ނޮވެމްބަރ ތިނެއްގައި ޝަހީދުވި ސިފައިންގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ވަނީ ގެނެސް، ސިފައިންގެ ޢަޒުމް އާކޮށް ޝަހީދުވި ސިފައިންގެ ހަނދާނުގައި 7 ބަޑީގެ ސަލާމެއް ވަނީ އަރުވާފަ އެވެ. އަދި ދުވަހާއި ގުޅޭ ޚާއްސަ ދުޢާއެއް ވެސް ވަނީ ކޮށްފަ އެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން އެމްއެންޑީއެފް އިން ވަނީ އިސްލާމީ މަރުކަޒުގައި ޖަމާޢަތުގައި މިއަދު ފަތިސް ނަމާދު ކޮށްފަ އެވެ.

ދިވެހިންގެ ތެރެއިން ޤައުމަށް ޣައްދާރުވި ބަޔަކު އިސްވެތިބެ ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ، ތަމަޅަ ޓައިގަރުންގެ ބަޔަކާއި ގުޅިގެން މާލެއަށް ހަތިޔާރާއެކު އަރައިގަނެ، ދިވެހިންގެ ތެރެއިން އެތައް ބަޔަކު ޝަހީދުކޮށްލާފައި ވަނީ 1988 ވަނައަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހު އެވެ.

ދިވެހިން ނަސްރުގެ ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަމާއި، ދިވެހިރައްޔިތުންގެ މިނިވަންކަމާ ދެކޮޅަށް ބަޔަކު ދިން ނުރައްކާތެރި ބިރުވެރި މިޙަމަލާއިން ދިވެހި ޤައުމާއި ރައްޔިތުންނަށް ނަޞްރު ލިބުން ފާހަގަކުރުމަށްޓަކައެވެ.

ނަސްރުގެދުވަހުގެ ގޮތުގައި 3 ނޮވެމްބަރު ފާހަގަކުރަންފެށީ 1989 ނޮވެމްބަރު 3 ވަނަ ދުވަހުން ފެށިގެންނެވެ.