މިއީ ހދ. ނެއްލައިދޫ ދުނބުރިމާގޭ އަބުދުﷲ ވަޖީހު 1988 ގެ ނޮވެންމަބަރު މަހު 3 ވަނަ ދުވަހުގެ އުދުވާނީ ހަމަލާގައި އޭނާއަށް ދިމާވި ހާދިސާ ކިޔައިދެއްވި ގޮތެވެ.
އޭރު އަހަރެންގެ އުމުރުން އެންމެ 17 އަހަރެވެ. މާލޭގައި އުޅުނީ އެލިޔާގެ ވަޒީފާއެއް ގައެވެ. 1988 ނޮވެމްބަރު 3 ވަނަ ދުވަހު ފަތިހު ބާރު އަޑުފަށްގަޑެއް އިވޭތީ ވެގެން އުޅޭގޮތެއް ބަލާލަން ރަށު ކުއްޖަކާއެކު ނުކުތީމެވެ. މަގުމަތީން ދިޔައިރު މީހުންގެ ވާހަކަތަކުން އެނގުނު ގޮތުގައި އެއީ ރާއްޖެއަށް ބޭރު ބަޔަކު އަރައި ބަޑިޖަހާ އަޑެވެ. އެހެންނަމަވެސް އެއީ ހަޤީގަތެއްކަމަށް އެއްގޮތަކަށްވެސް ގަބޫލެއް ނުކުރެވުނެވެ. ރާއްޖެއަށް ބޭރު ބަޔަކު އަރައި ބަޑިޖހައި އާންމު ރައްޔިތުން މަރާފާނެކަމަށް އަހަރެންގެ ހިތެއް ގަބޫލެއް ނުކުރިއެވެ.
އެހެންކަމުން އަހަރެމެން ދެމީހުން ދިޔައީ ޖުމްހޫރީ މައިދާނާ ދިމާއަށެވެ. އެހިސާބަށް ކައިރިވިތަނާ މީހަކު އަހަރެމެނަށް ގޮވަފިއެވެ. ދެން އަހަރެން އެދިމާއަށް ދިޔުމުން ޖުމްހޫރީ މައިދާނަށް ވައްދާ އެތާހުރި ގަހެއް ކައިރީ ބެއިންދިއެވެ. އަހަރެންގެ ރަހުމަތްތެރިޔާ ހެދިގޮތެއް ނޭނގެއެވެ.
އޭރު ޖުމުހޫރީމައިދާނުގައި ވަރަށް ގިނަމީހުން ބައިތިއްބާފައި ތިއްބެވެ. އެތާ ތިބި މީހުންގެ ތެރޭގައި އޮޑިފަހަރުތަކުންނާއި ބާޒާރުމަތިން އަދި އިސްލާމީ މަރުކަޒަށް ފަތިސް ނަމާދަށް ދިޔަ މީހުން ހިމެނެ އެވެ. މިނިވަންކަމާއެކު މަސައްކަތްކުރުމުގައި އުޅެއުޅެތިބި ކުށެއްނެތް އެތައް ދިވެހީން އެތާ ތިއްބެވެ. ބިރުން ތުރުތުރު އަޅާ ހާލުގައެވެ. އޭރު ދެކޮޅުން ބަޑީގެ ހަމާލަތައް ބަދަލުކުރަމުން ގެންދެއެވެ. މީހުންގެ ރުއިމުގެ އަޑާއި ތަސްބީހަ ތަހުލީލު ތަކުބީރުގެ އަޑު ކަންފަތުގައި ގުގުމަން ފެށުމުން ބޭރު ބަޔަކު އަހަރެމެން ރަހީނު ކުރިކަމުގެ އިހުސާސް ކުރެވުނެވެ.
އަހަރެންނަށް މި ވެގެން އުޅޭގޮތް އެނގުމުން ކަންބޮޑުވިއެވެ. އެހެންނަމަވެސް ހެދޭނެ އިތުރު ގޮތެއް ނެތުމުން އެމީހުންގެ އަމުރަށް ކިޔަމަންވެ ދެން ތިބި ދިވެހިންގެ ތެރޭގައި އަހަރެންވެސް ހިމޭނުން އިނދެއްޖައިމެވެ. ކުޑަ ހިނދުކޮޅެއްނުވެ ކަނާއަތު ކޮނޑުހުޅާ ދިމާއިން މޭމައްޗާއި ކައިރިއަށް އެއްޗެއް ހެރިއްޖެއެވެ. އައި ނައި ދިމާއެއްނޭނގި އެ ހެރުނު އެއްޗެއް އަހަރެންގެ ބުރަކަށި ފޫއަޅުވާލިއެވެ. އެވަގުތު އަހަރެންގެ ހަށިގަނޑުން އޮހޮރިގަތް ލޭގެ މަތީ އަތްއަޅައިގެން ތެދުވެ ހިނގައިގަތީމެވެ. ނަސީބަކުން އަހަރެން ހުއްޓުވާކަށް އެއްވެސް މީހަކު ނޫޅެއެވެ.
އަހަރެން އެކަނި ހިނގަމުން ގޮސް މިހާރުގެ ރީފުސައިޑު ހުރި ހިސާބަށް ދެވުނުތަނާ ކޮންމެވެސް މީހެއްގެ އެހީތެރިކަން އަހަންނަށް ލިބުނެވެ. އެއީ ނާއިންފަރުގޭ އަހުމަދު ޝިރަން ކަން ފަހުން އަހަންނަށް އެނގުނެވެ. އޭނާގެ އެހީތެރިކަމާއެކު ވަކި ހިސާބަކަށް ދެވުނުތަނާ މަޝްހޫރު ޔޫސުފް ރަފީއު (ޔޫސޭ) އާ ދިމާވިއެވެ. އަދި ޔޫސޭ އާއިއެކު އުޅުނު ބައެއް ޒުވާނުންގެ އެހީތެރިކަމާއެކު އަހަރެން ގެންގޮސް މާފަންނު ފެންފިޔާޒުގެއަށް ވެއްދިއެވެ. އެއަށްފަހު ކޮންމެވެސް ކަމެއް ދިމާވެގެން އަހަރެން އެގެއިން ނެރެ މާފަންނު ނަސީމީގެއަށް ގެންދިޔައެވެ. ގަބޫލުކުރެވެނީ ނަސީމީގެއަށް އެ ގެންދިޔައީ އަހަރެންގެ ގާތު އަހައި އަހަރެން އެގޭ ނަން ބުނުމުންނެވެ. އޭރު އަހަރެންގެ ބޭބެ އުޅެނީ މާފަންނު ނަސީމީ ގޭގައެވެ.
އެ ގޭގެ ފަށްޖެހި އެނދެންގައި އަހަރެން ބޭއްވިއެވެ. ހަށިގަނޑުން އޮހޮރެމުންދާ ލެއިން މުޅި ފަށްޖެހި އެނދާއި ބިންމަތިވެސް ތެމި ގޭގެ ގޯތިތެރޭގައި ލޭގެ ކޯރެއް ދެމުނުހެން ހީވިއެވެ. އެގެއިން ނެރުނު ފޮތިގަނޑަކުން އަހަރެންގެ ހަށިގަނޑުން ލޭމަނާ ކުރެވޭތޯ ބަޔަކު މަސައްކަތް ކުރަމުން ގެންދެއެވެ. ވަރަށް ކުޑަ ހިނދުކޮޅެއްގެތެރޭގައި ޑޮކްޓަރ އަޒީ ވެސް ވަޑައިގެންފިއެވެ. އަޒީ އެގެއަށް ގެންނެވީ ޔޫސޭމެންގެ ގުރޫޕުންނެވެ.
ޑޮކްޓަރ އަޒީ ފަރުވާ ދެއްވަން ފެށްޓެވީ އެ ގޭގައި ބާއްވައިގެންނެވެ. ގުލްކޯޒުވެސް ގުޅުއްވިއެވެ. އެހެންނަމަވެސް އަހަރެންގެ ހަށިގަނޑުން އޮހޮރޭ ލޭމަނާ ކުރެވޭނެ ގޮތެއް ނުވިއެވެ. އެހެންކަމުން ޑޮކްޓަރ ލަފާދެއްވީ ކޮންމެ ހާލެއްގައިވެސް ހޮސްޕިޓަލަށް ގެންދިއުމަށެވެ.
އަނެއްކާވެސް ޔޫސޭމެންގެ ގުރޫޕުން އަތްގާޑިއާއެއްގައި އަހަރެން ސެންޓަރަލް ހޮސްޕިޓަލަށް ގެންދިޔައެވެ. އަހަރެންނަށް މައުލޫމާތު ލިބުނު ގޮތުގައި މާލެ އަރައިގެން އުޅޭ ބޭރުގެ ކުލީ ސިފައިންގެ ސަބަބުން އިންޖީނުލީ އެއްވެސް އުޅަނދެއް ނުދުއްވެއެވެ. އަދި ސެންޓަރަލް ހޮސްޕިޓަލުގެ އެންބިއުލާންސު ވެސް ވީ އެމީހުންގެ ވެރިންގެ ބާރުގެ ދަށުގައެވެ.
ހޮސްޕިޓަލުން ފަރުވާ ދޭން ފެށި ފަހުން ދެން ވީގޮތެއް ނޭނގުނެވެ. މާތް ﷲ އަށް ޝުކުރު ކުރަމެވެ. މެއާއި އެހާ ކައިރިއަށް ވަޒަން އަރައި ބުރަކަށި ފޫއަޅުވާލި ނަމަވެސް އަހަރެންގެ ފުރާނަ ސަލާމަތްވިއެވެ. ކުޑަ ދުވަސްކޮޅަކުން ހޮސްޕިޓަލުންވެސް ދޫކޮށްލިއެވެ.
ނަމަވެސް މި ނުރައްކާތެރި ހަމަލާގައި ދިވެހި އެތައް ދަރީންނެއް ޝަހީދުވެ ދިޔަކަން އަހަންނަށް އެނގުނެވެ. ޝަހީދުވެގެން އެދިޔަ އަޚުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށިއެވެ.
އަހަރެންނަށް އެދުވަހު އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ހިތުގެ އިޚުލާޞްތެރިކަމާއެކު ޝުކުރު އަދާކުރަމެވެ. މިފަދަ އުދުވާނި ހަމަލާތަކުން ރާއްޖެ ސަލާމަތްކުރެއްވުން އެދި މާތް ﷲގެ ޙަޟުރަތުގައި ތާއަބަދު ދުޢާ ދަންނަވަމެވެ.