މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ނާއިބު މުޙައްމަދު ނާސިހު ރަޝީދު، ރޯވިން އެސޯސިއޭޝަންގެ ކަންކަމާ ބެހޭ ގޮތުން އެ އެސޯސިއޭޝަންގެ ރައީސާ މަޝްވަރާ ކުރައްވައިފިއެވެ.

ޑެޕިޔުޓީ މިނިސްޓަރ ނާސިހާއި ރޯވިން އެސޯސިއޭޝަންގެ ރައީސް އަހުމަދު ހަބީބު ރޯވިންއާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވަނީ އައްޑޫސިޓީ ހިތަދޫގައި ހުންނަ ރޯވިން އެސޯސިއޭޝަންގެ އޮފީހުގައި ރޭ ބޭއްވެވި ބައްދަލުވުމެއްގައެވެ.

ރޯވިން އެސޯސިއޭޝަނުން ވިދާޅުވީ ނާސިހަކީ ޑެޕިޔުޓީ މިނިސްޓަރެއްގެ އިތުރުން ރާއްޖެއަށް ރޯވިން ތަޢާރަފް ކުރެއްވި އެއް ފައުންޑަރ ކަމަށެވެ. އޭނާ ވަނީ ރާއްޖޭގެ ރޯވިންގެ ތާރީޚާ ބެހޭ މައުލޫމާތު އެ އެސޯސިއޭޝަންގެ ރައީސާ ހިއްސާ ކުރައްވައިފައެވެ.

މި ބައްދަލުވުމުގައި އެ ދެބޭފުޅުން ވަނީ ރޯވިންގެ މިހާރުގެ ހަރަކާތްތަކާއި މުސްތަގުބަލަށް ރާވާފައިވާ ހަރަކާތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ. މީގެ އިތުރުން ރޯވިން ކުރިއެރުވުމަށްހުރި ގޮންޖެހުންތަކާ ބެހޭގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވައިފައެވެ.

ރޯވިން އެސޯސިއޭޝަނުން މިހާރު ގެންދަވަނީ މިމަހު 11 އިން 14 އަށް ބާއްވާ މުބާރާތަކަށް ތައްޔާރުވަމުންނެވެ.