އިތިއޯޕިއާގެ ވެރިރަށާ ދިމާއަށް ސަރުކާރާ ދެކޮޅު ހަނގުރާމަވެރިން ވަނީ މިސްރާބު ޖަހާފައެވެ. ބޮޑު ވަޒީރު އާބީ އަހުމަދު ވިދާޅުވަނީ އިތިއޯޕިއާއަކީ ދެވަނަ ލީބިޔާ ނުވަތަ ސޫރިޔާއަށް ވެދިނުމަށް ފުރުސަތެއް ނޯންނާނެ ކަމަށެވެ.
އަންގާރަ ދުވަހުން ގެށިގެން އިތިއޯޕިއާއިން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފައެވެ.
އާބީ އަޙުމަދު ވަނީ އައު ދައުރަކަށް އާންމު އިންތިޚާބުގައި ބޮޑު ވަޒީރުގެ މަގާމު ކާމިޔާބު ކުރައްވާފައެވެ.
ނޯބެލްގެ ސުލްޙައިގެ އިނާމު ހޯއްދެވި އާބީ އަޙުމަދު ވަނީ އޭނާ ވެރިކަމަށް ވަޑައިގަތުމަށް އެހީތެރިވެ ދިން ފަރާތްތައް ބާކީ ކުރައްވާފައެވެ. އެފަރާތްތަކަކީ ޓީގްރީ ސަރަހައްދުގެ ސިޔާސީ ލީޑަރުންނެވެ.
ޓީގްރީގައި އާބީ އަހުމަދު ފެށްޓެވި ހަނގުރާމައިގައި އިންސާނިއްޔަތާ ޚިލާފް ޖަރީމާތައް ހިންގާފައިވާ ކަމަށް ދުނިޔެއިން ގަބޫލު ކުރެއެވެ.
ޓިގްރީގެ ހަނގުރާމަވެރިންނާއި އޮރޯމޯ ހަނގުރާމަވެރި ޖަމާއަތުން ވަނީ އިއްތިޙާދު ވެފައެވެ. އޮރޯމޯއަކީ މުސްލިމު ނަސްލުގެ މީހުންގެ ހައްގުތައް ހޯދުމަށް މަސައްކަތް ކުރާ ހަނގުރާމަވެރި ޖަމާއަތެކެވެ.
ޓީގްރީ ހަނގުރާމަވެރިންނާއި އޮރޯމޯ ހަނގުރާމަވެރިންގެ ކަޝްކަރުތައް ބުނާ ގޮތުން އެމީހުން މަދު ހަފްތާއެއްގެ ތެރޭގައި އެޑިސްއަބާބާއަށް ވަންނާނެއެވެ. އެމީހުން މިހާރު ތިބީ ވެރިރަށާއި 400 ކިލޯމީޓަރު ދުރުގައެވެ.
އާބީ އަޙުމަދުގެ އަމާޒަކީ އިތިއޯޕިއާ ހިސާބުގަނޑުގެ ސިންގަޕޯރަށް ހަދާށެވެ. އިތިއޯޕިއާގައި އެންމެ ގިނައިން އިންވެސްޓްކޮށްފައިވާ ތިން ގައުމަކީ ތަރުތީބުން ޗައިނާއާއި އިންޑިއާއާއި އެމެރިކާއެވެ.