މުޖުތަމައުގެ ތެރޭގައި ދިރިއުޅޭ އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ފުރިހަމަ އަޅާލުމާއި އުފާވެރިކަން ލިއްބައި ނުދެވޭ މުޖުތަމައަކީ ވަރަށް ބަދުނަސީބު، އަބާއްޖަވެރި މުޖުތަމައެއް ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ ލޯފަން ކުދިންގެ ޖަމްޢިއްޔާ، ބްލައިންޑް އެންޑް ވިޜުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސްއިން މާލޭގައި ކުރިއަށް ގެންދިޔަ އެ ސޮސައިޓީގެ އަހަރީ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހޯމް މިނިސްޓަރ ވިދާޅުވީ މުޖުތަމައެއްގެ ބަދަހިކަމާ އުފާވެރިކަމާއި، ދުޅަހެޔޮކަން ވަޒަން ކުރުމުގެ އެންމެ މުހިންމު މިންގަނޑަކީ އެމުޖުތަމައެއްގައި ދިރިއުޅޭ އެހެން އަފްރާދުންނާ އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އެ މުޖުތަމައަކުން ލިއްބައިދޭ އެހީތެރިކަމާއި އޯގާވެރިކަމާއި އުފާވެރިކަން ކަމަށެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ޔޫތް މިނިސްޓްރީއާ ގުޅިގެން ލޯފަން ކުދިންގެ ޖަމްއިއްޔާއިން ކުރިއަށް ގެންދިޔަ ކޭމްޕަކީ އެތަށް އަޚުންނަކާއި، އުޚްތުންނެއްގެ ހިތަށް އުފާވެރިކަން ގެނެސްދިނުމަށްޓަކައި ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށެވެ.
"އަޅުގަނޑު ހިތުން، މި ކޭމްޕުން ލިބުނު ތަޖުރިބާގެ ބޭނުން ކޮށްގެން މިފަދަ ގިނަ ކޭމްޕްތަކާ ދިމާއަށް ދަރުތު ކުރަންޖެހޭ. ނުކުޅެދުންތެރިކަން ހުރި އެހެން ކުދިންގެ ޙާލަތާމެދު ވިސްނައި އެކުދިންނަށްޓަކައި ވިސްނައި މުޖުތަމަޢާ ސަރުކާރާ އަދި ޚާއްސަކޮށް ޖަމްއިއްޔާތައް ގުޅިގެން ކޮށްދޭނެ ކަންކަމަކީ ކޮބައިތޯ ބަލައި އެކަންކަން ރަނގަޅަށް އޮގަނައިޒް ކުރަންޖެހޭ" ހޯމް މިނިސްޓަރ އއިމްރާން އަބްދުﷲ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ހުރިހާ މިނިސްޓްރީ ތަކުން އަދި ދައުލަތުގެ ހުރިހާ މުއްސަސާތަކުން މިކަމާ އަޅާލުމަށް ވަރަށް ބޮޑު ސަމާލުކަމެއް ލޯފަން ކުދިންގެ ޖަމްޢިއްޔާގެ ފަރާތުން ގެނެސްދެވިދާނެ ކަމަށެވެ. އަދި ހަފްތާއެއްގެ ނިޔަލަށް ހިންގި ކޭމްޕުގެ ސަބަބުން އެކަމަށް ވަރަށް ބޮޑަށް މަގުފަހިކޮށްދިންކަން މިނިސްޓަރ އިމްރާންގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
އަދި މިއީ އަޅުގަނޑުމެން އެންމެން އެދިމާއަކަށް މަސައްކަތް ކުރަންވީ ދިމާ ކަމަށާއި ޚާއްސަކޮށް އިސްލާމީ މުޖުތަމައެއްގެ މިފަދަ ޙާޖަތާ ބޭނުންތެރިކަން ޖެހިފައިވާ އަފްރާދުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޤުރުއާނާއި ސުންނަތާއިރަސޫލުއްﷲ ސައްލައްﷲ އަލައިހި ވަސައްލަމަގެ ސީރަތުގައި ވަރަށް މަތިވެރި ނަމޫނާތައް އެބަހުރި ކަމަށް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަނީ،ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް އަޅާލުމަށްޓަކައި އެފަރާތްތަކަކީ މުޖުތަމައުގެ ފުރިހަމަ ބައިވެރިންގެ ގޮތުގައި ހެދުމަށް ސަރުކާރުގެ ފަރާތުން ހިންގަވާ ޕްރޮގްރާމްތަކަށްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމދު ޞާލިހަށާއި ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފަށް ޝުކުރު އަދާ ކުރައްވާފައެވެ.
މނިސްޓަރ ވިދާޅުވީ ރާއްޖޭގެ އާބާދީއަށް ބަލާއިރު ތަފާތު ނުކުޅެދުންތެރިކަން ހުރި ހުރިހާ ކުދިންނަށް އަޅާލާނެ ގާބިލްކަމާއި ފުދުންތެރިކަން އެބަހުރި ކަމަށާއި ބޭނުންވަނީ އެކަންކަން ރަނގަޅަށް ތަރުތީބުކޮށްގެން ހިންގުން ކަމަށެވެ. އަދި އެކުދިންނަށް ޓަކައި ދޭންޖެހޭ ފުރިހަމަ ތައުލީމާއި ތަމްރީނާ ހުނަރު ދީގެން، މުޖުތަމުގަ ބޭނުންހިފޭނެ ބަޔަކަށް ހެދުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ހޯމް މިނިސްޓަރ ވިދާޅުވީ އިސްނަގައިގެން ރަނގަޅު ނިޒާމެއްގެ ތެރެއިން ތަރުތީބުވެގެން ޚާއްސަކޮށް ޔޫތް މިނިސްޓްރީން އެމަސައްކަތައް އިތުރަށް ސަމާލުކަމެއް ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އެ މަސައްކަތުގައި ސަރުކާރުގެ ހުރިހާ މުވައްސަސާތައް ބައިވެރިވެ މަދަނީ ޖަމްއިއްޔާ ޖަމާއަތްތައް ބައިވެރިކޮށް ހުރިހާ ކުދިންނަކީ އުފާވެރި ހިތްހަމަޖެހޭ ހަޔާތެއް ވޭތުކޮށް އަދި މުޖުތަމުގައި އެކުދިންނަށް ފުރިހަމަ ދައުރަކާއި ފުރިހަމަ މަގާމެއް ލިބިގެންވާ ބަޔަކަށް ހަދައިދިނުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މިނިސްޓަރ ޢިމްރާން ވަނީ ލޯފަން ކުދިންގެ ޖަމްއިއްޔާގެ ވެބްސައިޓް ލޯންޗްކޮށްދެއްވުމުގެ އިތުރުން އެޖަމްއިއްޔާގެ މަދަހަ އަލްބަމްވެސް ނެރެދެއްވާފައެވެ.