މި ހިނގާ ނޮވެމްބަރ 11 އިން 14 އަށް އައްޑޫސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ "އިންޓަރ ސްކޫލް ކޯސްޓަލް ރޯވިން ބީޗު ސްޕްރިންޓް" ގައި ރާއްޖެއިން ބޭރުން ވާދަކުރާ ޓީމުތައް މިމަހުގެ 8 ވަނަ ދުވަހު ރާއްޖެއަށް އަންނަން ފަށާނޭ ކަމަށް ރޯވިންއެސޯސިއޭޝަނުން ވިދާޅުވެއްޖެއެވެ.

ރޯވިން އެސޯސިއޭޝަންގެ ރައީސް އަހުމަދު ހަބީބު ވިދާޅުވީ ޓެކްނިކަލް އޮފިޝަލުންނާއި އެތުލީޓުން އައްޑުއަށް އައިސް ނިމޭނީ ނޮވެމްބަރ 9 ވަނަ ދުވަހު ކަމަށެވެ. މި ޓީމްތައް އައްޑުއަށް އައިސް ތިބުމަށް ހަމަޖެހިފައިވަނީ އެކި ގެސްޓުހައުސްތަކުގައެވެ. އެފަދަ ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ އެ ޓީމްތަކުންނެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން އިޓަލީ، އިނގިރޭސިވިލާތް، ޕާކިސްތާން ޗައިނާ، ތައިލެންޑުގެ ބައިވެރީން ހިމެނެއެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެމްޑަބްލިޔުއެސްސީއެވެ. ޑެސްޓިނޭޝަން ޕާޓްނަރ އަކީ ވިޒިޓް މޯލްޑިވްސްއެވެ. ޑިޖިޓަލް ޕާޓްނަރ އަކީ އުރީދޫއެވެ. އޮފިޝަލް ޖާޒީ ސްޕޮންސަރ ކޮށްދެއްވައިފައިވަނީ ސަނީ އެންޓަރޕްރައިސަސް އެވެ. ޑްރިންކް ޕާޓްނަރއަކީ މޮގުމޮގު އެވެ. މުބާރާތުގެ އޮފިޝަލް މީޑިއާއަކީ ރާއްޖެ ޓީވީއެވެ.މީގެ އިތުރުން ކޯޕަރޭޓް ސޮޕޮންސަރުންނަކީ ސަރުކާރުގެ މައިވިޔަފާރި ކުންފުނި ކަމަށްވާ އެސްޓިއޯ، ސިގްނޭޗަރ، ސޮނޭވާ، އައްޑޫ ސިޓީ ކައުންސިލް، ވެންޒަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑެވެ.

މި މުބާރާތުގައި ރާއްޖެއިން 130 އެތުލީޓުން ބައިވެރިވެއެވެ. ރާއްޖެއިން ބޭރުން ބައިވެރިވާ އެތުލީޓުންގެ އަދަދަކީ 23 އެވެ. މީގެ އިތުރުން އެގައުމުތަކުގެ އޮފިޝަލުން ވެސް ބައިވެރިވާނެއެވެ.

މި މުބާރާތުގެ ސަބަބުން ބޭރުގެ ގައުމުތަކަށް އައްޑޫ ތައާރަފްވެ އިތުރަށް މަޝްހޫރުވެގެންދިއުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމުގެ އުންމީދު ވަރަށްބޮޑު ކަމަށް ރޯވިންއެސޯސިއޭޝަންގެ ރައީސް ވިދާޅުވިއެވެ. މިއީ އައްޑޫގެ ފަތުރުވެރިކަން ދުނިޔެއަށް އިސްތިހާރު ކުރުމަށް ލިބިގެންދާނޭ ފުރުސަތެއް ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.ރޯވިންއަކީ ރާއްޖޭގައި ބާރަށް ކުރިއަރަމުން އަންނަ ކުޅިވަރެކެވެ. ރާއްޖޭގެ ޓީމުތަކުންވަނީ ބައިނަލްއަގުވާމީ ބައެއް މުބާރާތްތަކުގައި ވާދަކޮށް ފާހަގަ ކޮށްލެވޭ ރަން ވަނަތަކެއް ހާސިލްކޮށްފައެވެ.