އެހެން ގައުމުތަކުގައި އެގައުމުތަކުގެ ގައުމިއްޔަތު ދިރުވަން މަސައްކަތް ކުރާފަދައިން ރާއްޖޭގައި ގައުމިއްޔަތު ދިރުވަން މަސައްކަތް ނުކުރާކަމަށް ރިޓަޔަރޑް ބްރިގޭޑިއާ ޖެނެރަލް އިބުރާހިމް ދީދީ ވިދާޅުވެއްޖެއެވެ. ޑީޑީ މިހެން ވިދާޅުވީ . ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ޗެނަލް ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފަހުގެ ޖީލުތަކަށް ނަސްރުގެ ދުވަހުގެ މުހިއްމުކަން ބުނެދެވިފައިވާ މިންވަރު ކުޑަކަން ފާހަގަކުރައްވާ އެދުވަހުގެ މުހިއްމުކަމާއި ބެހޭގޮތުންވެސް ޑީޑީ ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ތައުލީމީ ނިޒާމުގެ ތެރެއިން އަޅުގަނޑުމެންގެ ދަރިންނަށް މިފަދަ ތާރީޚީ މުހިއްމު ދުވަސްތަކާބެހޭ މައުލޫމާތު އެކަށޭނަ ގޮތެއްގައި ފޯރުކޮށްދެވިފައި ނުވާކަން ފާހަގަކުރެއްވިއެވެ.
ޖަޕާނަކީ ސަގާފީ ކަންކަން ދަރިވަރުންނަށް ދަސްކޮށްދިނުމުގައި ނަމޫނާގައުމެކެވެ. މިކަމުގެ ސަބަބުން ޖަޕާނުގެ މުޖުތަމައަށް ހެޔޮބަދަލު އާދެއެވެ. އަދި ޖަޕާނަކީ މުޅި ދުނިޔެއިންވެސް ފާހަގަ ކޮށްލެވޭ، ގައުމުދެކެ ލޯބިވާ ސަގާފަތާ އާދަކާދައަށް ލޯބިކުރާ، ރީތި ދިރިއުޅުމެއްއުޅޭ ރައްޔިތުން ތަކެއް ދިރިއުޅޭ ގައުމެކެވެ. ހަމަ އެހެންމެ އަޅުގަނޑުމެންގެ އެންމެ އަވައްޓެރި އިންޑިޔާ އަކީވެސް ސުކޫލުތަކުގައި ޅަފަތުއްސުރެ އެމީހުންގެ އާދަކާދައާއި ސަގާފަތް ދަސްކޮށްދޭ ގައުމެކެވެ. އެމީހުންގެ ޑްރާމާތަކުގައިވެސް އެދުވަސްވަރެއްގައި އެމީހުން ފާހަގަކުރާ ދުވަސްތައް ހިމަނާނެއެވެ. އަދި އެދުވަސްތަކުގައި ބާއްވާ ހަރަކާތްތައްވެސް ޑުރާމާތަކުގައި ދައްކާނެއެވެ.
ނަމަވެސް އަޅުގަނޑުމެންނަށް މި ލިބުނު ނަސްރު ފާހަގަކޮށް މިކާމިޔާބީގެ ހައްގު ދާރުންގެ ޒިކުރާ އާކުރީ ވަރަށް މަދު ސުކޫލެއްގައެވެ. ގައުމަށްޓަކައި ޝަހީދުވެދިޔަ އަބުޠާލުންގެ ހަނދާން އާކޮށް އެ ލިބުނު ފިލާވަޅުތަކުން ދަރުސުތަކެއް ކުދިންނަށް ދޭންޖެއެވެ. މިއަދު އެ މަންޒަރުދުށް އެ ޖިހާދުގައި ބައިވެރިވި ބޭފުޅުން ތިއްބެވިއިރު ކުދިންނަށް މިފަދަ އަގުހުރި ފުރުޞަތު ހޯދައިދޭން ޖެއެވެ.
ދަރިންގެ ހިތްތަކުގައި ގައުމީ ލޯބި ޖައްސާށޭ، އިޖުތިމާއީ ރޫހު އާކޮށްދޭށޭ، ކިޔާ ގޮވުމަކުން އެ ރޫހު އާލާއެއް ނުވާނެއެވެ. އެކަން ކުރަންތިބި މީހުން އަމަލުން އެކަން ދައްކަން ޖެހެއެވެ.
ސުކޫލު ތަކުގައި ނަސްރުގެ ދުވާސް ފާހަގަ ނުކުރި ސަބަބު ހޯދާލުމަށް ޕްރިންސިޕަލަކާއި ވާހަކަ ދައްކާލުމުން ވިދާޅުވީ މިދުވަސްކޮޅުގެ ގޮތުން ފާހަގަ ނުކުރީކަމަށެވެ. އަދި ވަކި ދުވަހެއް ފާހަގަކުރަން ނުވަތަ ނުކުރަން އެއްވެސް ފަރާތަކުން އަންގަވާފައިނުވާކަށެވެ. ވީމާ ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ އިޚުތިޔާރު އޮތީ ސުކޫލުތަކުގެ ވެރިންގެ އަތްމަތީގައެވެ.
އެހެންކަމުން އިބުރާހިމް ދީދީ ވިދާޅުވި ގޮތަށް ދަރިންގެ ހިތުގައި ގައުމީ ލޯބި ޖެއްސުމަށް މަސައްކަތްކުރަންވީ ފަރާތްތަކުން އެ ޒިންމާ އުފުލަން އެބަ ޖެހެއެވެ.
ރިޓަޔާޑް ޖެނެރަލް ޑީޑީ އަކީ 3 ނޮވެންބަރު 1988 ގައި އެމް އީއެސްގެ ޔުނިފޯމެއް ތުރުކުރައްވައިގެން ކިނބިގަސްދޮށުގޭ ފާރުމަތިން އެތެރެއަށް ފުންމާލެއްވި ބޭފުޅާއެވެ. އެއީ ސިފައިންގެއިން ވަޒަން ހުސްވާތީ ސިފައިންގެ އެންމެ މަތީ އޮފިސަރަކަށް ހުންނެވި މުޙައްމަދު ޒާހިރު އެންގެވުމަށް އޭރުގެ ޑިފެންސް މިނިސްޓަރ އިލިޔާސް އިބުރާހިމްގެ އަތްޕުޅުގައި އޮތް ތަޅުދަނޑި ހޯއްދެވުމަށް ޓަކައެވެ. 6 ފޫޓު އުސް އުވަ ޖަހާ އޮމާންކޮށްފައިވާ ކިނބިގަސްދޮށުގޭ ފާރުމަތިން ޑީޑީ ފުއްމަވާލެއްވީ އެ މަގުގައި ހުރި ޕްލޯޓު ޖަމާއަތުގެ މީހާ ފުރަގަސްދިން ދަނޑިވަޅު ބައްލަވާފައެވެ.
ފާރުތަކުގެ މަތިން ފުންމަމުން އަމާޒުވެދާނެ ވަޒަނަކަށް ބިރުފުޅުނުގެން، އަމިއްލަ ހަށިކޮޅަށްވުރެ ދީނާއި ގައުމު އިސްކުރެއްވީ، ޑީޑީ ހިތްޕުޅުގައި ގައުމީ ލޯބި އުފެދިފައިވާ މިންވަރުންކަން ކަށަވަރެވެ. އެހެންކަމުން އެފަދަ ގައުމީލޯބި އަދުގެ ޖީލުގެ ދަރިންގެ ހިތްތަކުގައިވެސް އުފައްދަންޖެހެއެވެ.