އައްޑު ސިޓީގައި ލޮލުރޯގާ އާއި ޑެންގޫ އަދި ވައިރަލް ހުން ފެތުރެން ފަށާފައިވާތީ ސަމާލުވުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އިލްތިމާސްކޮށްފި އެވެ.
އެގޮތުން މިދުވަސްވަރު އެ ސިޓީގައި ލޮލު ރޯގާއާއި ޑެންގީ ހުމާއި ވައިރަލް ހުން ފެތުރެމުންދާ ކަމަށް ވަނީ ބުނެފަ އެވެ. އަދި އެ ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކަށް ހޭލުންތެރިވުމަށް ރައްޔިތުންގެ ކިބައިން ވަނީ އެދިފަ އެވެ.
އެ ހޮސްޕިޓަލުން ވަނީ ޑެންގީ ހުމުގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް ޑޮކުޓަރަށް ދައްކާ ފަރުވާ ހޯދުމަށާއި ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ހެދުން އެޅުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި ގެ އާއި ގޯތި ތެރޭގައި މަދިރިން ރައްކާތެރިވުމަށް ބޭނުން ކުރާޒާތުގެ ލޯޝަން ބޭނުން ކުރުމަށާއި މަދިރި އާލާވާ ފަދަ ތަންތަން ނައްތާލުމަށް ވެސް އިލްތިމާސް ކޮށްފަ އެވެ.
"ލޮލުރޯގާ ލޮލުރޯގާގެ އަލާމާތެއްފެނިއްޖެނަމަ ވެސް ވީހާވެސް އަވަހަކަށް ޑޮކުޓަރަށް ދައްކާ ފަރުވާ ހޯއްދަވާ. ބޭރަށް ނުކުމެ އުޅުމާއި ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން ވީހާވެސް މަދުކުރައްވާ. އަދި ބޭރުން ގެއަށް އައިސް ރަނގަޅަށް އަތްދޮވުމަށް އިލްތިމާސް ކުރަން." އޭއައިއެޗް އިން ބުންޏެވެ.
މީގެ އިތުރުން ވައިރަލް ހުން ހުން އައިސް ކެއްސާ ކިނބިހި އަޅާނަމަ ފްލޫ ކްލިނިކަށް ޑޮކުޓަރަށް ދައްކާ ފަރުވާ ހޯދުމަށާއި ބޭރަށް ނުކުމެ އުޅުމާއި ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން ވީހާވެސް މަދުކުރުމަށް ވަނީ އެދިފަ އެވެ.
ހަމަމ މިއާއެކު ބޭރުން ގެއަށް އައިސް ރަނގަޅަށް އަތްދޮވުމަށާއި ކިނބިހަ އަޅާނަމަ އަނގަޔާއި ނޭފަތް ޓިޝޫ ފަދަ އެއްޗަކުން ނިވާކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ވަނީ އެދިފަ އެވެ.