އިމްރާން ޚާންގެ ސަރުކާރުން މަނާ ކޮށްފައިވާ އިސްލާމީ ޕާޓީގެ ލީޑަރާ މަޝްވަރާ ކުރުމަށް އެ ޖަމާއަތުން ޕާކިސްތާން ސަރުކާރަށް މަޖުބޫރުކޮށްފިއެވެ. ތަޙްރީކޭ ލައްބައިކަ ޔާރަސޫލުﷲ ޕާޓީގެ ލީޑަރު ސައުދު ރިޒްވީއާއެކު ޖަލުގައި ޕާކިސްތާންގެ ދާޚިލީ ވަޒީރު ޝެއިޚް ރާޝިދު މަޝްވަރާތައް ބާއްވަވައިފިއެވެ.
ތަޙްރީކޭ ލައްބައިކަ ޕާޓީން ވަނީ މީހުން މަގުތަކަށް ނެރގެން ހަލަބޮލިކޮށްފައެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ސިފައިންނާ ގުޅުން އޮންނަ އިސްލާމީ ޖަމާއަތުން ވަނީ އެފަރާތްތަކުން ހިތްވަރު ލިބިގެން ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ހިންގާ ފައެވެ.
މީޑިއާއާ ވާހަކަ ދައްކަވަމުން ޝެއިޚް ރާޝިދު ވިދާޅުވީ، ރިޒްވީ ބޭނުން ވަނީ ޕާކިސްތާނުން ފަރަންސޭސި އެމްބެސެޑަރު ބޭރު ކުރާށެވެ.
ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާއަށް ފުރައްސާރަ ކޮށް ފަރަންސޭސިވިލާތުގައި ކާޓޫނު ކުރެހުމުގެ ސަބަބުން ތަޙްރީކޭ ލައްބައިކަ ޕާޓީން ވަނީ މުޒާހަރާތައް ބާއްވައި އެމްބެސެޑަރު ގައުމުން ބޭރުކޮށް ސިޔާސީ ގުޅުން ކަނޑާލުމަށް އެއްވުންތައް ބާއްވާފައެވެ. މިއެއްވުންތަކާ ގުޅިގެން ސަރުކާރުން ވަނީ މިޖަމާއަތަކީ މަނާ ޖަމާއަތެއްކަމުގައިވެސް ކަނޑައަޅާފައެވެ.
މި ޖަމާއަތުގެ ބައެއް ފަރާތްތަކުން މީޑިއާގައި މިހާރު ބުނަމުން ދަނީ ފަރަންސޭސި އެމްބަސީ ބަންދު ނުކޮށް، ފަރަންސޭސި އެމްބެސެޑަރު ބޭރުކުރަން އެމީހުން ބޭނުންވާ ކަމަށެވެ.
ރާޝިދު ވިދާޅުވިގޮތުގައި އޭނާ ވަނީ ރިޒްވީއާއެކު އެއްބަސްވުމެއްވެސް ހަދާފައެވެ. އަދި މިއެއްބަސްވުމުގެ ދަށުން ފަރަންސޭސި އެމްބެސެޑަރާ މެދު ގޮތެއް ނިންމުމަށް ޕާލަމެންޓަށް ހުށަހެޅުމަށް އެއްބަސްވެފައި ވެއެވެ.
އޮކްޓޯބަރި 31 ގައި ސަރުކާރާއި ތަޙުރީކޭ ލައްބައިކަ ލީޑަރާ ދެމެދު އެއްބަސްވެފައިވާ އެއްވުމުގެ ދަށުން މި ޖަމާއަތުގެ މީހުން ވަނީ ދިހަ ދުވަސް ވަންދެން މަގުތަކުގައި އެމީހުން ހިންގި ހަޅުތާލު ނިމުމަކަށް ގެނަސްފައެވެ.