ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ށ. އަތޮޅު ފޭދޫގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.

މިއަދު ފޭދޫގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު ޕޮލިސް ޕޯސްޓްގައި ގައުމީ ދިދަ ނަންގަވައި ދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒްއެވެ. އަދި ފުލުހުންގެ ހިދުމަތުގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސްއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް ދެއްކެވި ވާހަކަފުޅުގައި އަތޮޅުތަކުގައި ރައްޔިތުންގެ ކަންބޮޑުވުން އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މަސްތުވާތަކެއްޗާ ގުޅިގެން އުފިދެގެންދާ ތަފާތު ކުށްތައް ރަށްރަށުގައި ފެތުރި އޭގެ އަސަރު މުޅު މުޖުތަމައުއަށް ފޯރައިގެން ދިއުންކަމަށް ވިދާޅުވިއެވެ. އަދި ވަކިން ހާއްސަކޮށް ބޮޑުވަމުން އަންނަ ޖީލަށް ކުރާ ނުރަނގަޅު އަސަރުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ކުރިމަތިވާ ބިރުވެރިކަމާއި ނާމާންކަމަކީ އެންމެން ގަބޫލުކުރަންޖެހިފައި އޮތް ހަގީގަތެއްކަމަށާއި މިކަމުން އަރައިގަތުމުގައި ފުލުހުންނާ އެކުގައި އެއްސަފެއްގައި އެއްގޮތެއްގައި ބައިވެރިވެ، ކައުންސިލާއި މުއައްސަސާތަކާއި ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތްކުރުން ދެވަނަ ގޮތެއް ނެތްކަމަށް ވިދާޅުވިއެވެ. އަދި މިކަން ހަގީގަތަކަށް ހެދިގެންދާނީ ރަށުގެ ކައުންސިލާއި މުއައްސަސާތަކާއި ހުރިހާ ރައްޔިތުން ގުޅިގެން އެކަމަށް މަސައްކަތްތަކެއް ކުރެވިގެންކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު، މިއަދު ފުލުހުންގެ ހިދުމަތް ބައްޓަންކުރަމުންދަނީ ފުލުހުންނާއި މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން މަަސައްކަތްކުރާ އަވަށްޓެރި ފުލުހުންގެ ފަލްސަފާގެ ތެރެއިންކަން ފާހަގަކުރައްވައި، އެމަސައްކަތް ރަނގަޅު ގޮތުގައި ދިއުމުން ރަށުގައި އުފެދިގެންދާ ތަފާތު ހާލަތްތައް ކުށަކަށް ބަދަލުވެގެން ދިއުމުގެކުރިން، ގާނޫނީ ގޮތުން އަދަބާ ހަމައަށް ދިއުމުގެ ކުރިން އެކަންކަން ރަނގަޅަށް ދެނެގަނެ އެއަށް ހައްލު ހޯދޭނެ ގޮތްތައް ހޯދިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ފޭދޫގައި ގާއިމްވެ މަސައްކަތްކުރާ ފުލުހުންވެސް ރަށުގެ މުއައްސަސާތަކާއި ރައްޔިތުންނާ އެކުގައި އެމަސައްކަތް އެގޮތުގައި ގެންގޮސްދޭނެކަމަށާއި ފުލުހުން ރީޖަނަލް ކޮމާންޑަރާއި އަތޮޅު ކޮމާންޑަރުގެ އިތުރުން ރަށުގައި ގާއިމްވެތިބޭ ފުލުހުން ރަށުގެ މުއައްސަސަތަކާ ރައްޔިތުންނާ ވަރަށް ގުޅިގެން އެކުގައި މަސައްކަތްކޮށް އަވަސް ފިޔަވަޅުތަކެއް އަޅައި، ރަށަކީ އެންމެ ސުލްހަވެރި، އެކުވެރި އަދި އަމާން ރަށަކަށް ހެދުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ ހިދުމަތުގެ ގާނޫނުން ފުލުހުންގެ މަސައްކަތްތައް އިންތިޒާމްވެގެންވާ ގޮތް ވަރަށް ސާފުކޮށް ގާނޫނުގައި ކަނޑައަޅާފައިވާކަމަށާއި ލާމަރުކަޒީކޮށް ހިދުމަތް ދިނުމަށާއި މުޖުތަމައު އޮންނަ ގުޅުން ދެމެހެއްޓުމަށް ވަރަށް ބޮޑަށް ގާނޫން ބާރުއަޅުއްވާފައިވާކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން ފުލުހުންގެ މަސައްކަތްތައް އަމާޒުކޮށްފައިވަނީ ރައްޔިތުންނަށް ފުލުހުން ދޭ ހިދުމަތް އަލުން ތަރުތީބުކޮށް ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނެ ތަރައްގީވެފައިވާ ފުލުހުންގެ ހިދުމަތްތަކެއް މުޅި ރާއްޖެއަށް ފޯރުކޮށްދޭ މުއައްސަސާއަށް ފުލުހުންގެ ހިދުމަތް ބަދަކުރުންކަމުގައި ވިދާޅުވިއެވެ. އެގޮތުން މިއަދު ފޭދޫގައި ގާއިމްކުރެވި ހުޅުވިގެންދިޔަ މި ޕޯސްޓަކީ އެއަމާޒަށް ވާސިލްވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ވިދާޅުވިއެވެ.