އައްޑޫގައި ބްރިޖް އެޅޭނެ ކަމަށާއި އެކަން ކުރާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ އައްޑޫ އާއި ފުވައްމުލަކަށް އެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ފޭދޫގައި އެމްއެންޕީގެ އޮފީސް ހުޅުވުމަށްފަހު ވާހަކަދައްކަމުންނެވެ.

ނާޒިމް ވިދާޅުވީ 2023 ގެ އިންތިހާބަށް އެމްއެންޕީން ތައްޔާރުކުރާ މެނިފެސްޓޯގައި އައްޑޫގެ ތަރައްގީ އަށް ގިނަ ކަންތައްތަކެއް ހިމަނާނެ ކަމަށެވެ. އެގޮތުން ނާޒިމް ވިދާޅުވި ގޮތުގައި އައްޑޫގެ ތަރައްގީއާ ގުޅިފައި ހުރި ކަންކަމުގެ ތެރޭގައި ގަން އިންޓަނޭޝަނަލް އެއާޕޯޓް، ހަގީގީ އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ހިންގުމާއި ވަކިން އޮތް ހުޅުމީދު އާއި އައްޑޫގެ އެހެން އަވަށްތަކާ ބްރިޖަކުން ގުޅާލުމާއި ތަފާތު ކޮންސެޕްޓެއްގެ ދަށުން އައްޑޫގެ ޓޫރިޒަމް ފުޅާކުރުން ހިމެނެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އައްޑު އަށް ބްރިޖަކީ މުހިއްމު ވަސީލަތަކަށްވާތީ އެކަން ކުރާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން، ކަމާ ގުޅޭ ގޮތުން ވަރަށް ގިނަ ދިރާސާތަކެއް ވެސް ކުރުމަށް ފަހު އެވެ.

އެމްއެންޕީގެ ލީޑަރޝިޕްގެ މި ދަތުރު އިއްޔެ ފަށާފައިވާއިރު، މި ދަތުރުގައި ފުރަތަމަ ވަޑައިގެންފައި ވަނީ އައްޑޫ ފޭދޭ، މަރަދޫ ފޭދޫ، މަރަދޫ، އަދި ހިތަދޫ އަށެވެ. އަދި މިއަދު ފޭދޫގައި އޮފީސް ހުޅުއްވާދެއްވި އިރު، އެއަށް ފަހު ވަނީ ހިތަދޫގައި ވެސް ހަމަ އެ ޕާޓީގެ އޮފީހެއް ހުޅުވާފައެވެ.

މި ދަތުރުގައި ދެން މާދަމާ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ފުވައްމުލަކަށެވެ. އެ ޕާޓީން ބުނިގޮތުގައި މި ދަތުރަކީ އެމްއެންޕީގެ ލީޑަރޝިޕް އިން ރާއްޖޭގެ ހުރިހާ ރަށަކަށް ފަށާފައިވާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން ދަތުރެކެވެ.