ކ. ކުޑަގިރި ޕިކްނިކް އައިލެންޑްގެ މަސައްކަތް އަންނަ އަހަރުގެ މާޗް މަހު ނިމޭވަރުވާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނިން ބުނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްސަ ޕިކްނިކް އައިލެންޑް "ކުޑަގިރި ޕިކްނިކް އައިލެންޑު"ގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި އެެރަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފެށުމަށް ޕްރޮޖެކްޓް ސައިޓް މިއަދު މޮބިލައިޒްކޮށްފައިވާ ކަމަށެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން 8 ހެކްޓަރުގެ ބިން ހިއްކާ 27.397 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށިލާނެ ކަމަށެވެ. އަދި 32.428 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖަހާނެ ކަމަށެވެ.

މި މަޝްރޫއަކީ ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ. މިއީ 48.41 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެ ކުންފުނިން މަސައްކަތް ކުރަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުވެވަޑައިގެންވި ތާރީޚުގެ ކުރިން ރަށުގެ މަސައްކަތް ނިންމާލުމަށް ކަމަށެވެ.

މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ޚާއްސަ ޕިކްނިކް އައިލެންޑުގެ މަސައްކަތް އަންނަ އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް އެއްކޮށް ނިންމައިލެވޭނެ ކަމަށް ރައީސް ސާލިހު ވަނީކުރިން ވިދާޅުވެފަ އެވެ.