އިސްލާމް ދީނުން ލިބިދޭ ފިލާވަޅުތަކަށް ވިސްނާ ފިކުރުކުރަންޖެހޭ ކަމަށާއި ދުނިޔެއާއި އާޚިރަތުގެ ނަސީބު ލިބިގަތުމަށް މަސައްކަތްކުރަން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިސްލާމްވީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އިސްލާމް ދީން ދައްކުވައިދެނީ ސީދާ ވެގެންވާ ތެދުމަގުކަމަށާއި އިސްލާމް ދީނުން އެންމެ އަހަންމިއްޔަތުކަމެއްދޭ ސިފައަކީ ރިވެތި އަޚްލާޤު ކުރިއެރުވުން ކަމަށެވެ.
މިގޮތުން އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި، އެހީތެރިވުމާއި، އޯގާތެރިވުމާއި، ނުބައިކަންކަމުން ދުރުހެލިވެ ހެޔޮ ޢަލަމުކުރުމަށާއި، މުޖުތަމަޢު ތެރޭގައި އެއްބައިވަންތަކަން އާލާކުރުމަށް އެމަނިކުފާނު ބާރުއެޅުއްވި އެވެ.
ނައިބު ވަނީ ބަވަނަ ވެފައިވާ ދުނިޔެ އެއްގައި އުޅޭ އިރު ބޭރުގެ އެކި އެކި ފަރާތްތަކުން ދަސްވާ ނޭދެވޭ ކަންކަން ދޫކޮށް އެދެވޭ ޢަމަލުތަކުގައި ހިފުމަށާއި ދަރިން ތަރުބިއްޔަތުކުރުމުގައި މިފަދަ ކަންކަމަށް އިތުރަށް ސަމާލުކަންދިނުމަށް ގޮވާލައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ޙަޔާތުގައި ދިމާވާ ކޮންމެ ކަމަކުން ފިލާވާޅުލިބިގަތުމަށް ވެސް އެދިވަޑައިގެންފަ އެވެ.
އެއްވެސް ބަޔަކަށް މި ދުނިޔެމަތީގައި ލިބޭނެ އެންމެ މަތިވެރި ނިޢުމަތަކީ އިސްލާމީ ޙިދާޔަތުގެ ނަސީބު ކަމަށާއި، ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ރާއްޖެ އޮތް ހިނދު ދަރިންގެ ހިތްތަކުގައި އިސްލާމީ ޢަޤީދާ އަށަގެންނެވުމަށް ގަދައަޅާ މަސައްކަތްކުރަން ޖެހޭކަމުގައި ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
މި ޖަލްސާގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިން ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ސްކޫލުތަކުގެ ދަރިވަރުން ވެސް ބައިވޗެރިވި އެވެ.
މި ޖަލްސާގައި ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ޚާއްޞަ ދުޢާއެއް ކުރެއްވި އެވެ. އިސްވެ ދުޢާކޮށްދެއްވާފައި ވަނީ އައްޝައިޚް ނަޞްރުﷲ ޢަލީ އެވެ.
ރާއްޖެ އިސްލާމުވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޙިޖުރީ ސަނަތުން ކޮންމެ ރަބީޢުލްއާޚިރު މަހެއްގެ 2 ވަނަ ދުވަހެވެ.