ތިން ދުވަސް ތެރޭ އަށް މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ޗައިނާއިން ސްރީލަންކާއަށް އަންގައިފިއެވެ. ޗައިނާއާއި ސްރީލަންކާއާ ދެމެދުގެ ގަސްކާނާ މައްސަލަ ވަނީ ހޫނުވެފައެވެ. މީގެ ކުރިން ޗައިނާއިން ވަނީ އެލްސީއަކަށް ފައިސާ ދައްކާފައި ނުވާކަމަށް ބުނެ، ސްރީލަންކާ ސަރުކާރުގެ ޕީޕަލްސް ބޭންކް އޮފް ސްރީލަންކާ ބްލެކްލިސްޓް ކޮށްފައެވެ.
ސްރީލަންކާއިން ވަނީ ޗައިނާގެ ކުންފުނިން އެކްސްޕޯޓް ކުރި ގަސްކާނާ ބަލައި ނުގަންނާނެ ކަމަށް ބުނެ، އެ ގަސްކާނާ ގެނައި ބޯޓުވެސް ސްރީލަންކާގެ ބަނދަރަށް ވަނުން މަނާ ކޮށްފައެވެ.
ސްރީލަންކާގައި ގަސްކާނާގެ ތަދުމަޑުކަމެއް ދިމާވުމުން، ކުއްލި ގޮތަކަށް ގަސްކާނާ އެތެރެ ކޮށްދިނުމަށް އެދި ސްރީލަންކާގެ ރައީސް އިންޑިއާއިން އެދިވަޑައިގަތުމުން ނިއުދިއްލީން ވަނީ އަސްކީ މަތިންދާ ބޯޓުގެ ދެ ބޯޓުގައި ގަސްކާނާ ސަޕްލައި ކޮށްދީފައެވެ.
ސްރީލަންކާއިން ވަނީ އެޕްރީލް މަހުން ފެށިގެން އޯގަނިކް ގަސްކާނާ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރަން ނިންމާފައެވެ. އެއަށްފަހު ސްރީލަންކާއިން ނިންމީ ފަސްގަނޑު މުއްސަނދި ކުރާ ބައެއް ބާވަތުގެ ނިއުޓްރިއެންޓްސް އެތެރެ ކުރާށެވެ. މިކަމަށް ސަރުކާރުން 3،8 ބިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައެޅިއެވެ.
އޯގަނިކް ގަސްކާނާ އެތެރެ ކުރުމަށް ހުޅުވާލި ބީލަމަށް ކުރިމަތިލި ފަރާތްތަކުގެ ތެރޭން ސްރީލަންކާއިން ހޮވީ ޗައިނާގެ ޗިންޑާއޯ ސީވިން ބައޯޓެކް ގްރޫޕއެވެ. މި ކުންފުނިން 63 މިލިއަން ޑޮލަރަށް، 99 ހާސް މެޓްރިކް ޓަނުގެ ގަސްކާނާ ގަތުމަށް ނިންމިއެވެ.
ސްރީލަންކާގެ އިދާރާތަކުން މި ކުންފުނީގެ ގަސްކާނާއަށް ހެދި ޓެސްޓުން މިއީ ނުރައްކާތެރި މާއްދާއެއް ހިމެނޭ އެއްޗެއްކަމަށް ބުނުމުން ސަރުކާރުން މި މުދާ ބަލައި ގަތުމަށް ދެކޮޅު ހެއްޖެވެ.
ސްރީލަންކަން އެޓޮމިކް އެނަރޖީ ބޯޑާއި ސްރީލަންކާ ސްޓޭންޑަރޑް އިންސްޓިއުޓާއި ނޭޝަނަލް ޕްލާންޓް ކުއެރަންޓައިން ސާވިސްއިން ބުނަނީ، މި ގަސްކާނާ ސްރީލަންކާއިން އެތެރެކޮށް ބޭނުން ކޮށްފިނަމަ، ސްރީލަންކާގެ ފަސްގަނޑު ތަޣައްޔުވެ، ގަސްގަހާގެއްސާއި އިންސާނުންނަށް ހީނުކުރާ ވަރުގެ ގެއްލުމާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
ޗައިނާ ކުންފުނީގެ ގަސްކާނާ ހިމެނޭ ބޯޓު އެތައް ފަހަރެއްގެ މަތިން ސްރީލަންކާގެ ބަނދަރަށް ވަންނަން މަނާކުރުމުން ހާބާރ މާސްޓަރ ކެޕްޓަން ވަނީ ބޯޓު ވަދެނުދީ ހިފަހައްޓާފައެވެ.
މި ދެ ބަސްވުމުގައި ޗައިނާ ކުންފުނިން ބުނަނީ ސްރީލަންކާއިން އަމަލު ކުރިގޮތުން އެކުންފުނީގެ އަގުވެއްޓެން މެދުވެރިވި ކަމަށާއި އެހެންވެ، އެކަމުގެ ބަދަލެއްގެ ގޮތުން ސްރީލަންކާގެ ނޭޝަނަލް ޕްލާންޓް ކުއެރަންޓައިން ސާވިސްއިން އަށް މިލިއަން ޑޮލަރުގެ ބަދަލެއް ތިން ދުވަސްތެރޭ ދޭން ޖެހޭނެ ކަމަށެވެ.
ޗައިނާއަށް ބަދަލު ދައްކަން ޖެހުމަކީ ނުރައްކާތެރި ކަމެކެވެ. ޕާކިސްތާންގައި ތާލިބާޏުންގެ ހަމަލާގައި މަރާލި ޗައިނާ މީހުންގެ މަރުގެ ދިޔައަށް މިލިއަނުން ފައިސާ ހޯދަން ދިމާކުރުމުން އެމައްސަލަ ހައްލު ނުކުރެވި ޕާކިސްތާންގައި ޗައިނާއިން ހިންގާ ހުރިހައި ޕްރޮޖެކްޓެއްގެ މަސައްކަތް ހުއްޓުމަކަށް އައީއެވެ.