އޮސްޓްރިއާގެ ވިއެނާގައި އަންގާރަދުވަހު ދެވުނު ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް ޖަމާއަތުން އުފުލައިފިއެވެ.

އެ ޖަމާއަތުންވަނީ، އެކަމާގުޅޭ ބަޔާނަކާއި އަދި ހަމަލާދިން ކަމަށް ބުނާ މީހާގެ ފޮޓޯއާއި ވީޑިއޯ، އައިއެސްގެ ހަބަރުތައް ފަތުރާ އަމަގް ނޫސް އޭޖެންސީ މެދުވެރިކޮށް އާންމުކޮށްފައެވެ.

ޓެލެގްރާމް މެދުވެރިކޮށް އައިއެސްއިން އާންމުކުރި ފޮޓޯގައި ހުނަނީ ތުނބުޅިލާފައި ހުންނަ މީހެކެވެ. އެނާގެ ނަމެއްކަމަށް ބުނެފައިވަނީ "އަބޫ ދަގްނާ އަލް-އަލްބާނީ" އެވެ.

ފޮޓޯއާއެކު އާންމުކޮށްފައިވާ ބަޔާނުގައި އައިއެސްއިން ބުނެފައިވަނީ، ވިއެނާގެ މެދުތެރޭގައި މީހުން ތޮއްޖެހިފައި ތިބި ތަނަކަށް ފިސްތޯލައާއި މެޝިންބަޑި ބޭނުންކޮށްގެން ހަމަލާދިނީ އޭނާ ކަމަށެވެ.

ފުލުހުންވަނީ، އާންމުންގެ ގަޔަށް ބަޑިޖެހިމީހާ މަރާލާފައެވެ.

ނަމުގެ ފަހަތަށް "އަލްބާނީ" އާންމުކޮށް ކިޔަނީ އަލްބޭނިއާ ދަރިކޮޅުގެ މީހުންނަށް ނަމަވެސް، އައިއެސްއިން އާންމުކުރި ބަޔާނުގައި ވިއެނާ ހަމަލާދިން މީހާއާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އޮސްޓްރިއާ ސަރުކާރުންވަނީ ބަޑިޖެހި މީހާއަކީ އޮސްޓްރިއާއާއި، ނޯތު މެސެޑޯނިއާގެ ރަށްވެހިކަން އޮންނަ މީހެއް ކަމަށެވެ. އެމީހާގެ ނަމެއް ކަމަށް ހާމަކޮށްފައިވަނީ، ކުޖްތިމް ފަޟްލުﷲ އެވެ. އުމުރަކީ 20 އަހަރެވެ.

އައިއެސް ހަނގުރާމައިގައި ބައިވެރިވުމަށް ސީރިއާއަށް ދަތުރުކުރަން އުޅުމުގެ ކުށުގައި އޭނާގެ މައްޗަށް 22 މަހަށް ޖަލަށްލުމަށް ހުކުމްކުރީ 2019 ވަނަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައި ކަމަށާއި، އޭނާ ޖަލުން ދޫކޮށްލިތާ އަދި އަހަރުވެސް ނުވާކަމަށް މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ.

އަންގާރަދުވަހު ދިން ހަމަލާގައި 5 މީހުން މަރުވެ، 15 މީހުން ޒަޚަމްވެފައި ވެއެވެ.