ޅ. ކުރެންދޫ އާއި ށ. މިލަންދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓިސީސީއާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުުމުގައި އެމްޓިސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއޯއޯ ޝާހިދު ހުސައިނެވެ. އަދި މިިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނެންޓް ސެކެރެޓަރީ ޒީނަތު ހަބީބެވެ.

ކުރެންދޫ ގޮޑުދޮށް ހިމާޔަތް މަސައްކަތުގެ ތެރެއިން އެރަށު އިރު އުތުރުން 525 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓަކާއި، އަދި ދެކުނުފަރާތުގައި 155 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓެއް ގާއިމް ކުރާނެ އެވެ. އަދި ރަށުގެ އިރުދެކުނު ފަރާތުގައި 183 ބްރޭކްވޯޓާއަކާއި، ހުޅަނގު ދެކުނު ފަރާތުގައި 108 މީޓަރުގެ ބްރޭކްވޯޓާއަކާއި 35 މީޓަރުގެ ދެ ބްރޭކްވޯޓަރ ގާއިމް ކުރާނެ އެވެ.

44.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ތެރެއިން އެރަށު އިރުމަތީ ފަރާތުގެ ގޮނޑުދޮށުން 954.43 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓެއް ގާއިމްކޮށް ރިވެޓްމެންޓްގެ ދެ ކޮޅުގައި 44.77 މީޓަރުގެ ބޮޑުހިލައިގެ ދެ ފައިކަށި ގާއިމް ކުރުން ހިމެނެއެވެ.

36.6 މިލިއަން ރުފިޔާ ހަރަދުކޮށްގެން މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައިވަނީ 200 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.