ޗައިނާއިން ތަޖިކިސްތާންގައި އަސްކަރީ މަރުކަޒެއް ގާއިމް ކުރުމަށް ނިންމައިފިއެވެ. ތަޖިކިސްތާނަކީ އަފްޣާނިސްތާނެކޭ އެއްފަދައިން ކަނޑުގެ ސަރަހައްދެއް ނެތް ވަށައިގެން ބަންދު ގައުމެކެވެ. ޗައިނާއިން ބުނެފައި ވަނީ ތަޖިކިސްތާންގައި އަސްކަރީ މަރުކަޒެއް ގާއިމް ކުރުމަށް ނުވަ މިލިއަނެއްހައި ޑޮލަރު ހޭދަ ކުރާނެ ކަމަށެވެ. ސައުތު ޗައިނާ މޯނިންގ ޕޯސްޓުން މިވާހަކަ ރިޕޯޓްކޮށްފައި ވެއެވެ.
ތަޖިކިސްތާނަކީ މެދުތެރޭ އޭޝިއާގެ ފަގީރު ގައުމެކެވެ. އަފްޣާނިސްތާނާއި އަދި ޗައިނާއާވެސް ސަރަހައްދު ހިއްސާ ކުރާ ގައުމެކެވެ.
ތަޖިކިސްތާން ޗައިނާއަށް މުހިންމު ވަނީ، ޗައިނާއިން މުސްލިމުން ކޮންޓްރޯލް ކުރާ ޝިންޖިއާން ސަރަހައްދާއި ތަޖިކިސްތާނާ އިންވެގެން އޮތުމުންނެވެ. ޝިންޖިއާނާއި ތަޖިކިސްތާނާ ދެމެދު 400 ކިލޯމީޓަރަށް ވުރެން ދިގު ބޯޑަރެއް އޮވެއެވެ.
ޗައިނާގެ ބިރަކީ އަފްޣާނިސްތާނާއި ސޫރިޔާއިން ޓެރަރިސްޓް ޖަމާއަތްތައް ތަޖިކިސްތާނަށް ވަދެ އެމީހުންގެ މަރުކަޒުތައް ހަދައިގެން ޝިންޖިއާނަށް ނުރައްކާ ކުރަން އުޅެފާނެތީއެވެ.
ތަޖިކިސްތާނަކީ އަފްޣާޏިސްތާނުގެ ކުރީގެ ސަރުކާރަށް ތާއީދު ކުރާ އެއްހާހެއްހައި ސިފައިން މިހާރުވެސް ވަދެފައި އޮތް ސަރަހައްދެކެވެ.
ތަޖިކިސްތާނަށް އެންމެ ގިނައިން އިންވެސްޓްކޮށްފައިވާ ބޭރު ގައުމަކީ ޗައިނާއެވެ. އަދި ތަޖިކިސްތާންގެ ބޭރުގެ ދަރަނީގެ ދެބައިކުޅަ އެއްބަޔަކީ ޗައިނާއަށް ދަރާފައިވާ ދަރަންޏެވެ. ތަޖިކިސްތާނުން ވަނީ މާޒީގައި ޗައިނާގެ ބައެއް ދަރަނި ދެއްކުމަށް އެގައުމުން ރޯ މާއްދާތައް ކޮނެގެން ނެގުމުގެ ހައްގު ޗައިނާއަށް ދީފައެވެ.
ޗައިނާއާއި ތަޖިކިސްތާނަކީ ދީނާމެދު އެއްގޮތަކަށް ދެކޭ ދެ ގައުމެވެ. އދއާއި ހުޅަނގާއި އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި ޗައިނާއިން ޝިންޖިއާންގެ ދޮޅު މިލިއަން މުސްލިމުން ބަންދުކޮށްގެން ހުރަގެތަކުގައި ގެންގުޅެއެވެ. އަދި ޗައިނާގެ މިއަމަލުތަކަކީ އިންސާނިއްޔަތާ ޚިލާފް އަމަލުތަކެއް ކަމަށްވެސް ސިފަ ކޮށްފައި ވެއެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ އެއްފަދައިން ތަޖިކިސްތާންގެ ރައީސް އިމާމްއަލީ ރަހުމާނޯވްއަކީ އިސްލާމީ ޝިއާރުތައް ފާޅުކުރުމާ ދެކޮޅު މީހެކެވެ. ދީނީ މަދަރްސާތަކުގައި ކިޔެވުމާއި ތުނބުޅިއާއި ބުރުގާއަކީ އިމްމާމްއަލީ އެލާޖިކްވާ ކަންތައްތަކެވެ.
ޗައިނާއަކީ ދޭތެރޭން ތަޖިކިސްތާނާ ޗައިނާއާ ދެމެދު ސަރަހައްދުގެ މައްސަލައެއް އޮންނަކަމަށް ބުނެ، ތަޖިކިސްތާނަށް ފިއްތާ އަވަށްޓެރިއެކެވެ. ދެ ބުރަށް މަޝްވަރާތައް ބާއްވައި ދެ މުއާހަދާއެއްގެ ދަށުން ތަޖިކިސްތާނުން ވަނީ ޗައިނާއިން ބޭނުންވި ގޮތަށް ތަޖިކިސްތާންގެ ޕަމީރް ފަރުބަދަ މަތީ ސަރަހައްދުން ބައެއް ޗައިނާއަށް ދީފައެވެ. ޗައިނާއިން ބޭނުންވީ މި ސަރަހައްދުގެ 20 ޕަސެންޓް ޗައިނާއަށް ލިބޭށެވެ. ނަމަވެސް ތަޖިކިސްތާނުން ދީފައި ވަނީ 0.8 ޕަސެންޓެވެ.
ޗައިނާއިން ތަޖިކިސްތާނުން ކަމެއް ނިންމަން ބޭނުންވާ ކޮންމެ އިރަކު ތަޖިކިސްތާނުން ޗައިނާގެ ޕަމީރު ސަރަހައްދު ހިފައިގެން އުޅޭކަމަށް ބުނެ މީޑިއާ ޕްރޮޕެގެންޑާ ފަތުރައެވެ.