އަފްޣާނިސްތާނަށް އިންޑިއާއިން ގޮދަނާއި ބޭސް ފޮނުވަން ޕާކިސްތާނުން ހުއްދަ އެއް ނުދިނެވެ. އަފްޣާނިސްތާނަށް ދިމާވެފައިވާ ހަނަފަސްކަމާއި ސަރުކާރު ބަދަލުވުމާ ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައިން އަޅާފައިވާ ފިޔަވަޅުތަކާ ހެދި، އެގައުމު ވަނީ ކާޑަށް ޖެހިފައެވެ.

އަފްޣާނިސްތާނުންވެސް ވަނީ ކާނާ ފޯރިވައި ދިނުމަށް އެދި ބައިނަލްއަގްވާމީ އެހީއަށް ގޮވާލާފައެވެ. މިހާތަނަށް އެހީ ފޯރުވައި ދިނުމުގައި ކާމިޔާބުވި ދެ ގައުމަކީ ތުރުކީއާއި ޗައިނާއެވެ.

ބައިނަލްއަގްވާމީ މުޖުތަމައިން ތާލިބާން ގާތުން އެދިފައި ވަނީ އިންސާނީ ހައްގަށް ޙުރުމަތްތެރިކޮށް ހިތުމަށެވެ. އަދި އެގައުމަށް ބޭނުންވާ ޒަރޫރީ އަސާސީ ސާމާނުތައް ފޯރިވައި ދޭނެކަމަށް ބައިނަލްއަގްވާމީ މުޖުތަމައިން ވަނީ ޔަގީންކަން ދީފައެވެ.

އިންޑިއާއަކީ، އަފްޣާނިސްތާނަށް އެހީވެދޭނެކަމުގެ ޔަގީންކަން ދިން ގައުމެކެވެ. ތާލިބާނުގެ ވެރިކަން އައުމުގެ ކުރިން އިންޑިއާއަކީ ފަސް ބިލިއަން ޑޮލަރު އަފްޣާނިސްތާންގައި އެހީގެ ގޮތުގައި ފޯރުވަމުން ދިޔަ ގައުމެކެވެ. ސަލާމަތީ ސަބަބުތަކަށް ޓަކައި އިންޑިއާއިން ވަނީ ޕްރޮޖެކްޓްތައް ހުއްޓާލައި އަފްޣާނިސްތާނުން ބޭރުވެފައެވެ.

މިއަހަރަކީ އިންޑިއާއިން ގިނަ އަދަދަކަށް ގޮދަން އުފެއްދި މަތިވަރު ރަނގަޅު އަހަރެކެވެ. އިންޑިއާގެ ގޮދަން އުފެއްދުން އަރަނިވެރިވެގެން ދިއުމުން މިއަހަރު އިންޑިއާއަކީ ގޮދަން އެކްސްޕޯޓް ކުރާ ގައުމެކެވެ.

އިންޑިއާއިން ޕާކިސްތާނުގައި އެދިފައި ވަނީ އިންޑިއާގެ ގޮދަނާއި ބޭސް ޕާކިސްތާނު މަގުން އަފްޣާނިސްތާނަށް ފޮނުވައި ދިނުމަށް ހުއްދަ ދިނުމަށެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މި އެދުން ޕާކިސްތާންގެ ފޮރިން މިނިސްޓްރީއަށް ފިނުވާފައި ވީނަމަވެސް އަދިވެސް އިސްލާމްއާބާދުން މިއަށް އިޖާބައެއް ދީފައެއް ނުވެއެވެ. ނަމަވެސް ޕާކިސްތާނުން ބުނެފައި ވަނީ އިންޑިއާއިން އަފްޣާނިސްތާނަށް ދޭ އެހީއާ އެއްވަރަށް އިސްލާމްއާބާދުންވެސް އަފްޣާނިސްތާނަށް ފަސް ބިލިއަން ޑޮލަރުގެ އެހީ ދޭނެ ކަމަށެވެ.

ޕާކިސްތާނަކީ ބޭރު ފައިސާއަށް ޖެހިފައިވާ ގައުމެކެވެ. އައިއެމްއެފްއާ އިސްލާމްއާބާދުން ބޭއްވި މަޝްވަރާތައް ކޮޅެއްގައި ނުޖެހުމުން މަޝްވަރާތަކަށް ވަޑައިގަތް ބޮޑު ވަޒީރު އިމްރާން ޚާންގެ މާލީ މުސްތަޝާރު ޝައުކަތު ތާރީން ވަނީ ވޮޝިންޓަނުން އެނބުރި ގައުމަށް ވަޑައިގެންފައެވެ. ޕާކިސްތާން އުޅެނީ ކުއްލިއަކަށް ތަކެތީގެ އަގު ބޮޑުވެ ސިޔާސީ ހަލަބޮލިކަމަށް ގައުމު މިސްރާބު ޖަހާފައި ވުމުން އެކަމާ ކުރިމަތިލާން ތައްޔާރު ވެފައެވެ. އިމްރާން ޚާން ވަނީ ބަޖެޓް ސަޕޯޓަށް އެދި ސަޢޫދީ ސަރުކާރުގައިވެސް ދަންނަވާފައެވެ.