ނިކޮލޭ އިސްތަންބޫލް މެރަތަންގައި ދިވެހި އެތުލީޓުން ރަނގަޅު ކާމިޔާބީއެއް ހޯދައިފި އެވެ.
މި މެރަތަންގައި ދުވެފައިވަނީ މިހައިތަނަށް އެންމެގިނަ ފުލް މެރަތަން ދުވުމުގެ ރާއްޖޭގެ ރެކޯޑު އޮންނަ ނަސްރުﷲ އަހްމަދުގެ އިތުރުން އާއިޝަތު ރާނިޔާއާއި 5 ކިލޯމީޓަރުގެ ދުވުމުން ރާއްޖޭގެ ރެކޯޑު އޮންނަ މުހައްމަދު ރަޝީދު (މޯޑު) އާއި، އަހުމަދު ނަސީރު އަބްދުﷲ އެވެ.
މީގެ ތެރެއިން ނަސްރުﷲ (ނަސްރު ކޯޗު) ގެ މިއީ 77 ވަނަ މެރަތަން އެވެ. އޭނާ މި މެރަތަން ނިންމާފައިވަނީ 3 ގަޑިއިރާއި 31 މިނެޓުން ނެވެ. މިއީ އޭނާގެ އަމިއްލަ ރެކޯޑަށްވުރެ އަވަސް ވަގުތެކެވެ. އަހްމަދު ނަސީރު ޢަބްދުﷲ މެރަތަން ނިންމާފައިވަނީ 4 ގަޑިއިރުން ނެވެ. މިއީ އޭނާގެ ދެވަނަ ފުލް މެރަތަން އެވެ. އަދި ބައިނަލްއަގުވާމީ ފުރަތަމަ މެރަތަން އެވެ.
ދެން މި ޓީމުގައި ހިމެނޭ މުހައްމަދު ރަޝީދު (މޯޑު) ދުވީ 15 ކިލޯ މީޓަރެވެ. އޭނާ މި ރޭސް ނިންމާފައިވަނީ 52 މިނެޓު 29 ސިކުންތުން ނެވެ. މި ކިލޯމީޓަރުގެ ރާއްޖޭގެ ރެކޯޑަށްވުރެ 47 ސިކުންތު ލަސް އަދަދެކެވެ.
ޢުމުރުން 21 އަހަރުގެ ޢައިޝަތު ރާނިޔާ ވެސް ދުވެފައިވަނީ 15 ކިލޯ މީޓަރެވެ. ރާނިޔާ މި ރޭސް ނިންމީ 1 ގަޑި 7 މިނެޓު 15 ސިކުންތުންނެވެ. މިއީ ރާއްޖޭގެ އަންހެން ރެކޯޑަށް ވުރެ 1 މިނެޓު 52 ސިކުންތު ލަސް އަދަދެކެވެ.
ނަސްރު ކޯޗު ބުނީ ރާނިޔާއަކީ ދުވުމުގެ ދާއިރާއަށް އަލަށް ނުކުތް ކުއްޖަކަށް ވިޔަސް، ޕްރެކްޓިހަށް ލިބުނު މަދު ދުވަސްތަކަށް ބަލާ އިރު، ރާނިޔާގެ ޓައިމިންގއާ ދޭތެރޭ ހިތްހަމަ ޖެހޭ ކަމަށެވެ. އަދި އަހްމަދު ނަސީރުގެ ޓައިމިންގ އަކީ ވެސް ހިތްހަމަޖެހޭ ޓައިމިންގ އެއް ކަމަށާއި އިތުރު ކާމިޔާބީ ހޯދޭނެ ކަމަށް އުންމީދުކުރާ ކަމަށް އޭނާ ބުންޏެވެ.
ރާއްޖޭގެ 5 ކިލޯ މީޓަރުގެ ރެކޯޑް ހޯލްޑަރ މޯޑާ ބެހޭގޮތުން ނަސްރު ކޯޗު ބުނީ، އެކި ދުވަސްތަކުގައި ޓައިމިންގ ތަފާތުވާނެ ކަމަށާއި އުއްމީދުކުރި ޓައިމިންގ ނުނެރުވުނަސް މޯޑުގެ ޓައިމިންގ އާ ދޭތެރޭ ވެސް ހިތްހަމަޖެހޭ ކަމަށެވެ. މިފަހަރު ދުވަން ޖެހުނު ރޫޓު ފަސޭހަވިނަމަ މިއިން ކޮންމެ އެތުލީޓަކު ވެސް ރެކޯޑު ހެދީސް ކަމަށް ކޯޗު ބުންޏެވެ.
މި އިވެންޓް ސޮޕޮންސަރ ކޮށްދީފައިވަނީ މާޒިޔާ ޓްރޭޑަރ ޕްރައިވެޓް ލިމިޓެޑުންނެވެ.