އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގައި އާދަޔާ ޚިލާފް ގޮންޖެހުންތައް ކުރިމަވަމުންދާނެ ކަމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝްވަރްދަން ޝްރިންގްލާ ވިދާޅުވެއެވެ. އޭނާ ވާހަކަ ދައްކަވާފައި ވަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކުން އިންޑިއާ ކަނޑުގެ ސަލާމަތާ ބެހޭ ގޮތުން ގޯވާގައި ބާއްވާފައިވާ ކޮންކްލޭވްގައި ވާހަކަ ދައްކަވަމުންނެވެ.

ކަނޑިގެ ސިފައިންގެ ވެރިން ބައިވެރިވެ ވަޑައިގަތް މި މަޝްވަރާތަކުގައި އޭނާ ވިދާޅުވީ، އިންޑިއާ ކަނޑުގެ ސަލާމަތަށް ދިމާވާ އެންމެ ބޮޑު ގޮން ޖެހުމަކީ ސަރުކާރުން ތާއީދު ކުރާ ޓެރަރިސްޓް ޖަމާއަތްތަކުން އިންޑިއާ ކަނޑުގައި ހަރަކާތްތެރިވުމެވެ. އޭނާ ވިދާޅުވީ އާދަޔާ ޚިލާފް ނުރައްކާތައް ދިމާވާއިރު އައު ޓެކްނޮލޮޖީ މެދުވެރިކޮށް ދިމާވާ ބިރުތައް ވެސް ކުޑައެއް ނޫނެވެ.

މި މަޝްވަރާތަކުގައި އިންޑިއާއި ދިވެހިރާއްޖޭގެ އިތުރުން ބަންގްލަދޭޝްއާއި ކޮމޮރޮސްއާއި އިންޑޮނޭޝިއާއާއި މަޑަގަސްކަރާއި މެލޭޝިއާއާއި މޮރިޝިއަސްއާއި މިޔަންމާރާއި ސީޝެލްސްއާއި ސިންގަޕޯރާއި ތައިލެންޑާއި ސްރީލަންކާއިން ކަނޑުގެ ސިފައިންގެ ވެރިން ބައިވެރިވިއެވެ.

ޝްރިންގްލާ ވިދާޅުވިގޮތުގައި ކަނޑުގެ ގާނޫނަށް ތަބާ ނުވުމަކީވެސް ކަނޑުތަކުގައި އަސްކަރީ ހަރަކާތްތައް އިތުރުވމަށް މެދުވެރިވެފައިވާ މައްސަލައެކެވެ. އިންޑިއާއަކީ ކަނޑުތައް އެންމެނަށް ހުޅުވިފައި އޮންނަންވާނެ ކަމަށް ގަބޫލުކުރާ ގައުމެކެވެ. އަދި އިންޑިއާގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގައި އާސިއާންގެ ގައުމުތަކަކީ އިންޑިއާގެ ނާރެސްކަމަށް އޭނާ ވިދާޅުވިއެވެ.

ކަނޑުގެ ސަލާމަތާ ގުޅޭ ގޮތުން ގައުމުތަކުން މަޝްވަރާ ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން އޭނާ ވަނީ އިންޑިއާއިން ރާއްޖެއާއި ސްރީލަންކާއާއެކު ބާއްވާ ކަނޑުގެ ސަލާމަތާ ބެހޭ މަޝްވަރާތައް ނަމޫނާއަކަށް ދައްކަވާފައެވެ.