ގަލްފްގެ ގައުމުތަކުން ލުބުނާނާ ގުޅުން ކަނޑާލުމަށް ނިންމުމުން އެމައްސަލަ ހައްލު ކުރެވޭނީ ލުބުނާންގެ އިންފޮމޭޝަން މިނިސްޓަރ އިސްތިއުފާ ދެއްވައިގެން ކަމަށް އަރަބި ލީގުން ބުނެފިއެވެ.

ގަލްފްގެ އަރަބި ގައުމުތަކާއި ލުބުނާނާ ދެމެދު މައްސަލަ ހޫނުވަމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ސައޫދީ އަރަބިއްޔާއަށް ލުބުނާންގެ އިންފޮމޭޝަން މިނިސްޓަރ ޖޯރޖް ޤަރްދާހީ (ފޮޓޯގައި) ފާޑު ވިދާޅުވުމުން ސައޫދީ އަރަބިއްޔާއިން ވަނީ ލުބުނާނާ ގުޅުން ކަނޑާލުމަށް ނިންމާފައެވެ. އެއާއެކު ގަލްފްގެ އެހެން ގައުމުތަކުންވެސް ވަނީ އެމްބެސެޑަރުން އަނބުރައި ގެނަސް ލުބުނާންގެ އެމްބެސެޑަރު ބޭރުވުމަށްވެސް އަންގާފައެވެ. އަދި ގަލަފްގެ ގައުމުތަކުގެ ރައްޔިތުން ލުބުނާނުން ބޭރުވުމަށްވެސް އަންގާފައެވެ. މީގެ އިތުރުން ލުބުނާންގެ އުފެއްދުންތައް ގަލްފަށް އެތެރެ ނުކުރުމަށްވެސް ވަނީ ނިންމާފައެވެ.

އިންފޮމޭޝަން މިނިސްޓަރ ޖޯރޖު ޤަރްދާޙީ ވަނީ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޔަމަންގެ ހަނގުރާމައިގައި ހޫތީންނަށް ތާއީދުކުރައްވާފައެވެ. އޭނާ ވިދާޅުވީ ހޫތީން ކުރަމުންދާ ހަނގުރާމައަކީ އަމިއްލަ ދިފާއުގައި ކުރާ ހަނގުރާމައެއް ކަމަށެވެ. އޭނާ މިފަދައިން ވާހަކަ ދެއްކެވީ އޮގަސްޓް5 ގައެވެ.

ލުބުނާންގެ އައު ބޮޑު ވަޒީރު ނަޖީބު މީޤާތީ ވަޒީރުންގެ މަޖިލިސް އެކުލަވައި ލެއްވީ ސެޕްޓެމްބަރުގައެވެ. ޤަރްދާޙީއާ ދެކޮޅަށް ސައޫދީން މައސަލަ ޖެއްސެމުން މީޤާތީ ވިދާޅުވީ މި ކަމުގައި ގޮތެއް ނިންމަވާނީ ޤަރްދާޙީ ކަމަށެވެ. އަދި މީޤާތީ ވިދާޅުވީ ޤަރްދާޙީ ދެއްކެވި ވާހަކައަކީ އޭނާގެ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ.

ޤަރްދާހީއަކީ ލުބުނާންގެ މަޝްހޫރު މީޑިއާ މޫނެކެވެ. އޭނާ ވަނީ އަރަބި އެތައް ގައުމެއްގައި މަގްބޫލު މިލިއަނަރަކަށް ވާން ބޭނުންވަނީ ކާކު ޕްރޮގްރާމް ގެނަސްދެއްވާފައެވެ.