ރާއްޖޭގެ މިނިސްޓަރ ޝައުނާއަށް ކޮޕް26 ގައި ބޮޑު މަސްއޫލިއްޔަތެއް ހަވާލުކޮށްފި އެވެ.

އެކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސްކޮޓްލޭންޑުގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ ކޮޕް26 ބައްދަލުވުމުގެ އެ މަސްއޫލިއްޔަތު މިނިސްޓަރު ޝައުނާއާ ހަވާލުކުރެއްވީ އެ ސަމިޓުގެ ރިޔާސަތު ބަލަހައްޓަވާ އަލޯކް ޝަރުމާ ކަމަށެވެ.

މި މަސައްކަތުގައި މިނިސްޓަރު ޝައުނާއާއެކު ސްޕެއިންގެ ނައިބު ރައީސް އަދި އިކޮލޮޖިކަލް ޓްރާންސިޝަން މިނިސްޓަރު ޓެރޭސާ ރިބެރާ ވެސް މަސައްކަތް ކުރައްވާނެ އެވެ.

“އެ ދެބޭފުޅުންގެ މައިގަނޑު މަސައްކަތަކަށް ވާނީ، 2015 ވަނަ އަހަރު އެކުލަވާލި ޕެރިސް އެގްރީމެންޓުގެ ދަށުން ހާސިލުކުރުމަށް ކަނޑައަޅާފައިވާ ކަންތައްތައް ހާސިލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ އޮނިގަނޑެއް އެކުލަވައިލުމާއި އެކަމުގެ އެއްބަސްވުމެއް އެކުލަވައިލުން.” މަބްރޫކް ވިދާޅުވި އެވެ.

މި ނޮވެމްބަރ މަހުގެ އެއްވަނަ ދުވަހު ފަށާފައިވާ ކޮޕް26ގެ ބޭނުމަކީ ވެސް ދުނިޔޭގެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ ތިރީގައި ހިފެހެއްޓުމަށް ގައުމުތަކުން ކުރާނެ ކަންކަން ކަނޑައެޅުމެވެ. އަދި އެކަމަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުން އެއްބަސްވުމެވެ.