ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމާ ގުޅޭ މަޝްވަރާތައް ފެށުމަށް ގިނަ ޕާޓީތަކުން އެއްބަސްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވި ނަމަވެސް ޖުމްހޫރީ ޕާޓީން އެގޮތައް ނުނިންމާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާން އަލީ ސޯލިހް ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ނަޝީދާ އެކު ގާސިމް އެއްބަސްވެވަޑައި ނުގަންނަވާ ކަމަށެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވެވި މެސެޖެއްގައި ނަޝީދު ވިދާޅުވި ގޮތުގައި ނިޒާމީ ވޯޓް ނެގުން އަންނަ އަހަރުގެ ނޮވެންބަރު ގައި އޮންނާނެ އެވެ. އަދި އެ ވޯޓަށް ސިޔާސީ ޕާޓީތަކުން އެއްބަަސްވާ ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ 2022 ގައި ވޯޓް ނެގި ނަމަވެސް ރަސްމީކޮށް ބަރުލަމާނީއަށް ފުރޮޅާލާނީ 2023 ގައެވެ.

ބަރުލަމާނީ އަށް ބަދަލުކުރުމުގެ މަޝްވަރާ އަށް އަދާލަތު ޕާޓީން ތައްޔާރު ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ.