ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަންގެ އައު އިމާރާތެއް ކޮލެޖް ފެންވަރުގައި އެޅުމަށްޓަކައި ބޭނުންވާ ބިން އެޑިޔުކޭޝަން މިނިސްޓްރީ އާއި ހަވާލުކޮށްފިއެވެ.

ބިން ހަވާލުކުރުމަށް އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު އަލީއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަޙްމަދު އާތިފްއެވެ.

އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ މިއީ އެއްހާސް ކުދިންނަށް ތައުލީމް ހާސިލް ކުރެވޭ ވަރުގެ ޖާގަ ތަނަވަސް ސްކޫލެއް ކަމަށާއި މި ސްކޫލަކީ ކޮލެޖް ކޮންސެޕްޓަށް ފަރުމާ ކުރާ ސްކޫލެއް ކަމަށެވެ.އަދި މި ސްކޫލުގައި ކިޔަވަން ފެށުމުން މާލޭގައި ހުރި ސީއެޗްއެސްސީ ބަދަލުވެގެންދާނީ ހުޅުމާލެއަށް ކަމަށެވެ.

ހުޅުމާލޭގައި މިހާރުވެސް ޖާގައިގެ ގޮތުން ތަނަވަސް ސަރުކާރުގެ 3 ސުކޫލް ހުރެއެވެ. އެޗްޑީސީ އިން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ހުޅުމާލެ އިން ސުކޫލްތަކަށް ކަނޑައަޅާފައިވާ ބިންތައް އެޑިޔުކޭޝަން މިނިސްޓްރީ އާ ހަވާލު ކުރާނެ ކަމަށެވެ.