ޕާކިސްތާންގެ ޚައިބަރު ޕަޚްތޫން ޚޫވާ ޕްރޮވިންސްގައި ފެތުރިފައިވާ ކޮރަޕްޝަންގެ ހާލަތާއި ސަރުކާރުގެ ނާގާބިލުކަން ހާމަކޮށް މީސްމީޑިއާގައި ވާހަކަ ދައްކައި ޓުއީޓު ކުރަމުން ދިޔަ ނޫސްވެރިޔާގެ ގަޔަށް ބަޑިޖަހައި މަރާލައިފިއެވެ.
ކިޔަވާ ކުދިންގެ ޖަމުއިއްޔާގެ ހަރަކާތްތަކުގައިވެސް އުޅޭ މުހައްމަދު ޒާދާ އާގްރާ މަރާލާފައި ވަނީ ޚައިބަރު ޕަޚްތޫން ޚުވާގައި މަސްތުވާތަކެތީގެ ވިޔަފާރި އާންމުވެގެން އެކަމާ ދެކޮޅަށް ވާހަކަ ދެއްކި ދުވަހުއެވެ. އޭނާ މަރާލާފައި ވަނީ ބަޑި ޖަހައިގެންނެވެ.
ޕާކިސްތާން ނޫސްވެރިންގެ ޖަމުއިއްޔާއާއި ބައިނަލްއަގްވާމީ ނޫސްވެރިންގެ ޖަމުއިއްޔާއިން ވަނީ މި ޖަރީމާ ކުށްވެރިކޮށްފައެވެ.
ޕާކިސްތާނަކީ ނޫސްވެރިންނަށް ނުރައްކާތެރި ތަނެއްކަމުގައި ބައިނަލްއަގްވާމީ ނޫސްވެރިންގެ ޖަމުއިއްޔާއިން ގިންތިކޮށްފައި ވެއެވެ.