މިއަހަރުގެ ތިންވަނަ ކުއާޓަރުގައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީއަށް ސާފު ފައިދާގެ ގޮތުގައި 4.1 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މިއީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 5.2 މިލިއަން ރުފިޔާއަށްވުރެ 19.9 އިންސައްތަ ދަށް އަދަދެކެވެ.

އެމްޓީޑީސީން އާއްމުކޮށްފައިވާ އެކުންފުނީގެ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން އަހަރުގެ 3 ވަނަ ކުއާޓަރގައި އެމްޓީޑީސީއަށް އާމްދަނީގެ ގޮތުގައި 881576 ޑޮލަރު ނުވަތަ 13.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި އެކުންފުންޏަށް ލިބިފައިވަނީ 890620 ޑޮލަރު ނުވަތަ 13.7 މިލިއަން ރުފިޔާއެވެ.

އެންޓީޑީސީގެ މާލީ ހިސާބުތައް ދައްކާގޮތުން މިއަހަރުގެތިންވަނަ ކުއާޓަރުގައިވަނީ އިދާރީ ކަންކަމަށް 3.1 މިލިއަން ރުފިޔާ ޙަރަދުކޮށްފައެވެ. މިއީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި އިދާރީ ކަންތައްތަކަށް ޙަރަދުކޮށްފައިވާ އަދަދަށްވުރެ 57 އިންސައްތަ އިތުރު އަދަދެކެވެ.

އެމްޓީޑީސީއަކީ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން 2006 ވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ.