ޢަލަވީ ޝީއީއެއް ކަމަށް ބުނެ މިއްލަތުން ބަރީއަކޮށްފައިވާ ބައްޝާރުލް އަސަދާ އިމާރާތުގެ ޚާރިޖީ ވަޒީރު ބައްދަލު ކުރައްވައިފިއެވެ. މުއްސަނދި ސުންނީ ގައުމުތަކުގެ ފައިސާއިން ވާގި ލިބިގެން ބައްޝާރު ވެރިކަމުން ބޭލުމަށް ސޫރިޔާގައި ފެށި އަހުލީ ހަނގުރާމަ އަދިވެސް ދަނީ ކުރިއަށެވެ.
ޔޫއޭއީގެ ޚާރިޖީ ވަޒީރު އަބްދުﷲ ބިން ޒާއިދު އާލްނަހްޔާން ވަނީ ދިމިޝްޤްގައި ބައްޝާރުލް އަސަދާ ބައްދަލު ކުރައްވާފައެވެ.
ސޫރިޔާގެ ރިއާސީ ގަނޑުވަރުން ބުނިގޮތުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުމާއި ދެފަރާތަށް މުހިންމު މައްސަލަތަކުގައި މަޝްވަރާތައް ބާއްވަވާފައެވެ.
ޝެއިޚް ޢަބްދުﷲގެ ވާހަކަފުޅުގައި ސޫރިޔާގައި ހަމަޖެހުން ގާއިމް ކުރުމަށް ޔޫއޭއީން ބޭނުންވާ ކަމަށް ވިދާޅުވިއެވެ. އަދި ސޫރިޔާގެ އަހުލީ ހަނގުރާމައިން ހަނާވަމުންދާ ދިއުން ބައްޝާރުގެ ލީޑާޝިޕުން ސަލާމަތްވާނެ ކަމަށް އުންމިދު ކުރައްވާ ކަމަށްވެސް ޝެއިޚް ޢަބްދުﷲ ވިދާޅުވިއެވެ.
މިއީ ދިހަ އަހަރުގެ ތެރޭގައި ސޫރިއާއަށް ޔޫއޭއީގެ މިފެންވަރުގެ މަސްއޫލުވެރިއަކު ވަޑައިގަތް ފުރަތަމަ ފަހަރެވެ. ދިމިޝްޤް އެއަރޕޯޓުން ޝެއިޚު ޢަބްދުﷲއަށް މަރުޙަބާ ދެންނެވީ ސޫރިޔާގެ ޚާރިޖީ ވަޒީރު ފައިސަލުލް މިޤްދާދުއެވެ.
ސޫރިޔާއާއި ޔޫއޭއީގެ ވަޅޯ ގުޅުން ހޫނުވާން ފެށީ އަބޫދާބީގެ ވަލީ ޢަހުދު މުޙައްމަދު ބިން ޒާއިދު 20 އޮކްޓޯބަރުގައި ބައްޝާރަށް ފޯނުން ގުޅުއްވައި ވާހަކަ ދެއްކެވުމުންނެވެ.
ގަލްފްގެ ސުންނީ އަރަބި ގައުމުތަކަށް މިދުވަސްވަރު ޝާމްކަރައިގައި ދިމާވެފައި އޮތް އެންމެ ބޮޑު ގޮން ޖެހުމަކީ ލުބުނާންގެ އިންފޮމޭޝަން މިނިސްޓަރ ޖޯޖު ޤަރްދާހީ ސައޫދިއްޔާއަށް ފާޑުވިދާޅުވުމުން ގަލްފްގެ ސުންނީ ގައުމުތަކުން ލުބުނާނާ ގުޅުން ކަނޑާލުމުގެ މައްސަލައެވެ.