ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އައްޑޫސިޓީން ހައްޔަރު ކުރި ފުލުސް މީހާގެ މައްޗަށް ދައުވާ ކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ 2020 ވަނަ އަހަރުގެ ކުރީކޮޅުން ފެށެގެން އެކި ދުވަސް މަތިން އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކަށް ބިރު ދައްކައިގެން އެކުއްޖާގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ ނެގުމަށްފަހު، އެ ފޮޓޯ ބޭނުން ކޮށްގެން ބްލެކްމެއިލްކޮށް އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއްގައި މީހަކަށް ދައުވާ ކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ދައުވާ އުފުލައިފައި ވަނީ ޏ. ފުވައްމުލައް މާދަޑު، އޮމާން، އަހުމަދު ނަޒުމީނުގެ މައްޗަށެވެ. އޭނާ ކުށުގެ އަމަލު ހިންގިއިރު ހުރީ ފުލުހުންގެ ވަޒީފާގަ އެވެ.

އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.