ކުރިއަށް އޮތް ދެއަހަރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާނެ އެއްކަމަކީ، ޖަމާޢަތުގެ މަސަލަސްކަން ހިފެހެއްޓުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ހުރިހާ ވަގުތަކާއި، މަސައްކަތްތަކާއި، ހަކަތައެއް ހުސްކުރައްވާނީ ރާއްޖޭގެ ރައްޔިތުންގެ އުފާފާގަތިކަމަށް ކަމަށެވެ. ދިވެހިރާއްޖޭގެ 54 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިސަރުކާރުގެ ސިޔާސީ ފަލްސަފާ އަކީ، ދެބަސްވުމަށް އެއްބަސްވެ، ސިޔާސީ މައިދާނުގައި ހުރި ތަފާތުތަކާއި، ފުށުއެރުމާއި، ފަރަގުތައް ހިފައިގެން ވެސް އެކުގައި ކުރިއަށް ދިއުންކަމުގައި ކަމުގައެވެ. ސަރުކާރުން ވޭތުވެދިޔަ ތިންއަހަރު އިޖުތިމާޢީ މަސްލަހަތު ހިފަހައްޓައި ދެމެހެއްޓުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ނޮވެންބަރު ނުވަވަނަ ދުވަހު ކަނޑައެޅުއްވި މިނިމަމްވޭޖާ ގުޅޭގޮތުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން ކަނޑައެޅުއްވި އެންމެ ކުޑަވެގެންދެވޭނެ އުޖޫރައަކީ މި ޖުމްހޫރީ ދުވަހު ދިވެހި ރައްޔިތުންނަށް ދެވޭ އެންމެ ބޮޑު ހަދިޔާގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އެކަމުގެ ސަބަބުން ވަޒީފާތަކަށް ޤާބިލު މުވައްޒަފުން ހޯދުމަށް މަގުފަހިވެ، އުފެއްދުންތެރިކަމާއި ނަފާވެރިކަން އިތުރުވުމަށް ބާރުއެޅިގެންދާނެ ކަމުގައި ވެސް ވިދާޅުވިއެވެ.

ވަޒީފާނެތް ފަރާތްތަކަށް ފަސޭހަކަމާއިއެކު ވަޒީފާ ހޯދޭނެ މަގު އޮންނަންޖެހޭނެކަމަށާއި ވަޒީފާދޭ ފަރާތްތަކަށް ފަސޭހަކަމާއެކު ވަޒީފާއަށް މީހުން ނެގުމުގެ މަގުފަހިވެފައި އޮތުމުގެ މުހިންމު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެކަމަށްޓަކައި ސަރުކާރުން ކަނޑައެޅުއްވި ސިޔާސަތަކީ ޖޮބް ސެންޓަރުގެ އޮފީސްތައް އަތޮޅުތެރޭގައި ޤާއިމްކުރުން ކަމަށާއި އަދި އެކަން ކުރުމަށް ބަޖެޓުގައި މިހާރު ފައިސާ ހިމަނާފައިވާކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

މަސްތުވާތަކެތިން މުޖުތަމަޢު ސަލާމަތްކުރުމަށް ސަރުކާރުން ކުރައްވާ މުހިންމު ބުރަ މަސައްކަތްތަކާ ބެހޭ ގޮތުން އެމަނިކުފާނު ވިދާޅުވީ މަސްތުވާތަކެތިން މުޖުތަމަޢު ސަލާމަތްކުރުމަށް މުޖުތަމަޢާ ގުޅިގެން ފުޅާދާއިރާއެއްގައި މަސައްކަތްކުރުމަށް ސަރުކާރުން އިސްކަންދެއްވާނެ ކަމަށެވެ. އެގޮތުން ކޮމިއުނިޓީ ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމަށް މިހާރު ބަޖެޓްކުރެވިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ސަރުކާރުގެ އިދާރާތަކުން ރައްޔިތުންނަށް ދޭ ޚިދުމަތް އަވަސްކުރަންޖެހޭ ކަމަށެވެ. ރިއަށް އޮތް އަހަރު އެކަމަށް އިސްކަންދެއްވާނެ ކަމަށާ، ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް އަންނަ އަހަރަށް ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެއްވައިގެން ބަޖެޓު ކުރައްވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.