ޕާކިސްތާނުން އިލެކްޓްރޯނިކް ވޯޓިންގ މެޝިން ބޭނުން ކުރަން ބޭނުން ވެގެން ޕާލަމެންޓްގެ ރުހުން ހޯދަން ބޭއްވި ބައްދަލުވުން ކެންސަލް ކޮށްފިއެވެ. ޕަލަމެންޓްގެ ދެ ގޭގެ މެމްބަރުން ގުޅިގެން ޖަލްސާއެއް ބާއްވަން ނިންމުމަށްފަހު ވެރިކަން ކުރާ ޕާޓީއާ ގުޅިފައިވާ ޕާޓީތަކުން މިކަމަށް އެދެވޭ މިންވަރަށް ތާއީދު ނުކުރާކަމަށް ބަލައި ސަރުކާރުން ވަނީ މިއަދު ބާއްވަން އުޅުނު ޖަލްސާ ނުބާއްވާ ގޮތަށް ނިންމާފައެވެ.

ގުޅިފައިވާ ދެ ގޭގެ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަން އިޢުލާން ކުރެއްވީ އިންފޮމޭޝަން މިނިސްޓަރ ފަވާދު ޗައުދަރީއެވެ. އޭނާ މިކަން އިޢުލާން ކުރެއްވީ ވެރިކަން ކުރާ ތަހްރީކޭ އިންސާފް ޕާޓީއާ އެޕާޓީއާ ގުޅިފައިވާ 150 ޕާލަމެންޓް މެމްބަރުންނާ އެކު ބޮޑު ވަޒީރު އިމްރާން ޚާން ބައްދަލުވުމެއް ބެއްވެވި ފަހުންނެވެ.

ޗައުދަރީ ވިދާޅުވީ އިންތިޚާބުގެ ކަންކަން އިސްލާޙު ކުރުމަކީ ގައުމުގެ މުސްތަގްބަލާ ގުޅިފައިވާ ކަމެކެވެ.

ފަހުން އޭނާ ވިދާޅުވީ އިދިކޮޅު ޕާޓީތަކުންނާއި އެހެނިހެން މެންބަރުން އިންތިޚާބު އިސްލާޙު ކުރުމަށް ތާއީދު ނުކުރިއަސް ސަރުކާރުން މި ބިލް އެޖެންޑާއިން އުންޏެއް ނުކުރާނެ އެވެ.

ޕާކިސްތާންގައި އިންތިޚާބު ގަޑުބަޑު ކުރާ ކަމުގެ ޝަކުވާ އިދިކޮޅު ޕާޓީތަކުން އާންމުކޮށް ކުރެއެވެ. ދާދިފަހުން ބާއްވާފައިވާ ޕާލަމެންޓްގެ ބައި އިލެކްޝަނެއްގައި ވޯޓު ފޮށިތައް ކައިރީގައި ތިބި މަސްއޫލުވެރިން ރަހީނުކޮށްގެން ސަލާމަތީ ފަރާތްތަކުން ގެންގުޅުކަމަށް ބުނެ ރިޕޯޓެއް ޝާއިއުކުރުމަށްފަހު ޕާކިސްތާން އިލެކްޝަން ކޮމިޝަނުން ވަނީ މުޅި ދާއިރާގެ އިންތިޚާބު ބާތިލުކޮށްފައެވެ. މި ދިޔަ ހަފްތާގައި ޝައިއުކުރި މި ރިޕޯޓުގެ ކުރިން މަސްއޫލުވެރިންގެ ވިއްސަކަށް މީހުން ރަހީނު ކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިގެން އެ ކަމުގެ އަޑުއެހުންތައް ބާއްވާފައި ވެސް ވެއެވެ.