އަފްޣާނިސްތާނަށް އިންސާނީ އެހީ ނުލިބި ކާރިސާއެއް ކުރިމަތިވަމުން އަންނަ ކަމަށާއި އެއްވެސް ހުރަހަކާއި ނުލައި އަފްޣާނިސްތާނަށް އިންސާނީ އެހީ ދިނުމަށް މަގުފަހި ކޮށްދޭން ޖެހޭނެކަމަށް އިންޑިއާއިން ބުނެފިއެވެ.

އިންޑިއާއިން އިންތިޒާމު ކޮށްގެން ބޭއްވި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ބައްދަލުވުމާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒްއިން މީޑިއާއާ ވާހަކަ ދައްކަމުން ބުނެފައި ވަނީ ގައުމީ ސަލާމަތާ ބެހޭ މުޝީރުންގެ ފެންވަރުގައި އަފްޣާނިސްތާނަށް އިންސާނީ އެހީ ދިނުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ.

މި ބައްދަލުވުމުގައި އަފްޣާނިސްތާނާ އަވަށްޓެރި މެދުތެރޭ އޭޝިއާގެ ފަސް ގައުމަކާއެކު ޖުމުލަ އަށް ގައުމުން ބައިވެރިވިއެވެ.

އިންޑިއާއަށް މި ބައްދަލުވުމަށް ދައުވަތު ދިނުމުން ޕާކިސްތާނާއި ޗައިނާއިން ވަނީ އުޒުރު ވެރިވެފައެވެ. ޗައިނާއިން ބުނެފައި ވަނީ މި ވަގުތު މުނާސިބު ނޫން ކަމަށެވެ.

ޕާކިސްތާނުން ވަނީ އިންޑިއާގައި މި ބައްދަލުވުން ހިނގަމުން ދިޔަ ވަގުތު އަފްޣާނިސްތާނުގެ ފޮރިން މިނިސްޓަރާއި ޗައިނާއާއި ރަޝިޔާގެ ޑިޕްލޮމޭޓުން ހިމެނޭ އެހެން ބައްދަލުވުމެއް އިސްލާމްއާބާދުގައި ބާއްވާފައެވެ.

އިންޑިއާއިން އިންތިޒާމު ކުރި ބައްދަލުވުމުގައި ތާލިބާނަށް ދައުވަތު ދީފައެއް ނުވެއެވެ. މި ބައްދަލުވުމުގައި ބައިވެރިވި އެއްވެސް ގައުމަކުން ތާލިބާން ބަލައެއް ނުގަނެއެވެ.

އިންޑިއާއިން އަފްޣާނިސްތާނަށް ގޮދަނާއި ކާނާއާއި ބޭސް ފޮނުވަން ޕާކިސްތާނުން ސަރަހައްދު ހުޅުވައި ފަސޭހަކޮށްދިނުމަށް އެދުމުން ޕާކިސްތާނުން އެކަމަށް އިޖާބައެއް ދީފައެއް ނުވެއެވެ.