ދުނިޔޭގެ އެންމެ ބޮޑު ސައިކަލް ފެކްޓްރީން އުފައްދާ އިލެކްޓްރިކް ސައިކަލްގެ ޓެސްޓް ދުއްވުންތަކާއި އޭގެ ކުޅަދާނަކަން ދެއްކުން އޯލާ ސައިކަލުން ފަށައިފިއެވެ.

ހުސް އަންހެނުން މަސައްކަތް ކުރާ ދުނިޔޭގެ އެންމެ ބޮޑު ސައިކަލް ފެކްޓްރީން އަދި ބާޒާރަށް ނެރެން ނިންމާފައި ވަނީ އެސް1 އާއި އެސް1 ޕްރޯ މޮޑެލްގެ ސައިކަލްތަކެވެ.

މި ސއިކަލްތައް އުފެއްދުމުގެ މަސައްކަތް ފެށުމާއެކު އޮންލައިންކޮށް ސައިކަލް ގަތުމަށް ހުޅުވާލާފައި ވެއެވެ. އިންޑިއާގައި މީގެ ސައިކަލެއް ޖެހެނީ ދިވެހި 25 ހާސް ރުފިޔާއަށެވެ.

ބެންގަލޯރގައި މީހުންނަށް ދައްކައިގެން އޯލާ ސައިކަލުން ވަނީ ޓެސްޓް ދުއްވުންތައް ބާއްވައި ސްޓަންޓްތައް ދައްކާލާފައެވެ.

އޯލާގެ ދެ މޮޑެލްއަކީ 90 ކިލޯ މީޓަރާއި 115 ކިލޯ މީޓަރުގެ ސްޕީޑަށް ދުއްވޭ ދެ މޮޑެލެކެވެ. މީގައި ބޭނުން ކުރާ ބެޓެރިއަކީ 8.5 ކޭވީގެ ބެޓެރިއެކެވެ. އަދި މަޑި ދަށުގައި ފުދޭ ވަރެއްގެ ބޮޑު ސްޓޯރޭޖެއް ހުންނަ ކަމަށް ވެއެވެ. މީގައި އެންޑްރޮއިދް އޮޕަރޭޓިންގ ސިސްޓަމް ބޭނުންކޮށްފައި ވެއެވެ. އަދި އިތުރު ޓެކް ފީޗާތަކާއެކު ފޯނު ޗާޖް ކުރެވޭ ގޮތްވެސް ހަދާފައި ވެއެވެ.

ޓެމިލްނާޑޫގައި ހަދާފައިވާ އޯލާ ފެކްޓްރީން އަހަރަކުން ދިހަ މިލިއަން ސައިކަލް ބާރަށް ނެރުމަށް ހަމަޖެހިފައި ވެއެވެ. މިއީ ދުނިޔޭގެ އަންހެނުން ބައިވެރިކޮށްގެން ހިންގާ އެންމެ ބޮޑު ފެކްޓްރީއެވެ.