ޖަރުމަންވިލާތުގެ ކޮލޯން ސިޓީގެ މިސްކިތްތަކުގައި ހުކުރު ނަމާދުގެ ބަންގި ތާޅަފިލިން އިއްވުމުގެ ހުއްދައަށް އެދެފިއެވެ. ކެތޮލިކް ނިއުސް އެޖެންސީން ބުނިގޮތުގައި މިކަމަށް އެދިފައި ވަނީ މީގެ އެތައް ހަފްތާއެއް ކުރިން އަޖުމަ ބެލުމުގެ ގޮތުން ބަންގި ތާޅަފިލިން އިއްވުމަށް ސިޓީ ކައުންސިލުން ހުށަހެޅި ހުށަހެޅުމަކަށް ފަހުއެވެ.
ސިޓީގެ މޭޔަރ ވިދާޅުވެފައި ވަނީ ފައްޅިތަކުގެ ރަނގަބީލު ޖެހުމުގެ އަޑާ އެއްގޮތަށް މިސްކިތްތަކުގެ ތާޅަފިލިން ބަންގީގެ އަޑު އިވޭނަމަ، ކޮލޯން ސިޓީގައި ރައްޔިތުން ގުޅިގެން އެންމެން އަނެކާގެ އަގީދާއަށް އިޙުތިރާމް ކުރާކަން ދޭހަވާނެ ކަމަށެވެ.
ސިޓީ ކައުންސިލުން މަޢުލޫމާތު ދިން ފަރާތުން ވަނީ މިފަދަ ހުއްދައަކަށް އެދި ހުށަހަޅާފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް މައުލޫމާތު ސިއްރުކުރުމުގެ އުސޫލުތައް ނިޔާކުރާ ގޮތަށް މިކަމަށް އެދިފައި ވާ 10 ފަރާތަކީ ކޮންފަރާތްތަކެއްކަން ހާމައެއް ނުކުރެއެވެ. ނަމަވެސް އެފަރާތަކީ މިސްކިތްތަކުގެ ޖަމުއިއްޔާއިން ނޫންކަން ކަށަވަރު ކޮށްދިނެވެ. މިސްކިތްތަކުގެ ޖަމުއިއްޔާއަކީ ހަތް މިސްކިތެއް ހިންގާ ޖަމުއިއްޔާއެކެވެ.
މަސްއޫލު ފަރާތްތަކުން ބުނާ ގޮތުން ހުކުރު ގަޑީގައި ތާޅަފިލިން ބަންގި އިއްވުން ހުއްދަ ކުރެވޭނެ އެވެ. ނަމަވެސް އެކަމަށް ޝަރުތު ކުރެވޭ ކަންކަމުގެ ތެރޭގައި އަވަށްޓެރިންނަށް ތާލަފިލިން ބަންގި ގޮވާނެ ކަން އެންގުމާއި އެމީހުންގެ ރުހުން ހޯދުމާއި ބަންގި އިއްވުން ފަސް މިނެޓްގެ ތެރޭގައި ނިންމަން ވާނެކަމާއި ކަނޑައަޅާފައިވާ މިންވަރަށް ތާލަފިލީގެ އަޑު ބެހެއްޓުން ހިމެނެއެވެ.