ޖަޕާނުގެ ޔޮކޮހާމާގެ ނަރުސްމީހާ މަރާލާފައިވާ ޕޭޝަންޓުންގެ އަދަދެއް ކަށަވަރު ނުވާނެ ކަމަށް ފުލުހުން ބުނެއެވެ. އަދި މަރުގެ އަދަބު އިއްވުމަށްވެސް ގާޒީ ވަނީ ދެކޮޅު ހައްދަވާފައެވެ.

އުމުރުން 34 އަހަރުގެ އަޔޫމީ ކުބޯކީ ވަނީ އޭނާގެ ޝިފްޓްގައި ބަލި މީހާ މަރުވެގެން އާއިލާއިން އެކަމާ މެދު އޭނާއާ ސުއާލުކޮށްފާނެތީ، ޝިފްޓް ނިންމާލަމުން ޕޭޝަންޓްގެ އައިވީއަށް ވިހަ އަޅައި ދެން ޖެހޭ ޝިފްޓްގައި އޭނާ މަރުވާ ގޮތް ހަދާފަފައެވެ.

ކުބޯކީ މިގޮތަށް ތިން މީހަކު މަރާލާފައިވާ ކަމަށް އޭނާ ވަނީ އިއުތިރާފްވެފައެވެ. ފުލުހުން ބުނާ ގޮތުން އިތުރު މީހުންވެސް އޭނާ މިގޮތަށް މަރާފައި ހުރެދާނެއެވެ. ނަމަވެސް މައްޔިތާގެ ހަށިގަނޑު އަންދާލާތީ އަދަދު ކަށަވަރު ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

އޭނާގެ ޝަރީއަތުގައި މި މީހުންގެ މަރާ މެދު ހިތާމަ ކުރާކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެކަމުގެ އަދަބެއްގެ ގޮތުން މަރުގެ ނިޔާއަށް އެދިފައެވެ. ގާޒީ ވިދާޅުވީ އުމުރަށް ޖަލަށް ލުމުން މުޅި އުމުރު ދުވަހު އޭނާގެ ޖަރީމާއާ މެދު ހިތާމަކޮށްކޮށް ހުރުމަކީ އޭނާއަށް އެންމެ އެކަށީގެންވާ އަދަބު ކަމުގައެވެ.

2018ގައި ޖުލައި މަހު އޭނާ ހައްޔަރުކުރި ފަހުން މި މައްސަލަ ޖަޕާނުގައި މީހުން ސިއްސުވާލި މައްސަލައަކަށް ވިއެވެ. މިޝަރީއަތް ނިމިފައި ވަނީ މިދިޔަ މަހުއެވެ. އަދި ޔޮކޮހާމާގެ ހަސްފަތާލު ވަނީ 2019ގައި ބަންދު ކޮށްފައެވެ.